ENGLISH
21 ޖުލައި 2026
ރ އަތޮޅާއި ބ އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ގާއިމުކޮށްފި
20 ޖުލައި 2026
|
ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކުރުން.
އެންމެ މަޤްބޫލު
ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މި މުހިންމު ފިޔަވަޅު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރ. ކިނޮޅަހުގައެވެ. މިއީ ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ.
ޕޮއިސްޑް މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ 160 ރަށެއްގައި ހުރި ޑީސަލް ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި ބޭނުންކުރަމުންދާއިރު، މިއަދު އިފްތިތާޙުކުރެވުނު 25 ރަށާއެކު ޖުމްލަ 97 ރަށެއްގައި ވަނީ މަސައްކަތް ނިމިފައެވެ.
މިއާއެކު ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
ރ. ކިނޮޅޮހުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން.
މިއަދު އިފްތިތާޙުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ޖިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ އަލިފުށި، ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، އިނގުރައިދޫ، ފައިނު، މީދޫ، ކިނޮޅަސް އަދި ހުޅުދުއްފާރުގައި ވަނީ ނިޒާމުތައް ޤާއިމުކޮށްފައެވެ. އަދި ބ. އަތޮޅުން ކުޑަރިކިލު، ކަމަދޫ، ކެންދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، އޭދަފުށި، ތުޅާދޫ، ހިތާދޫ، ފުޅަދޫ އަދި ފެހެންދޫގައި ވަނީ މި ނިޒާމުތައް ޤާއިމުކޮށްފައެވެ.
ޕޮއިސްޑް ޕްރޮޖެކްޓަކީ ޤައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މުހިންމު މަޝްރޫޢެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެންޑީސީ) ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.