ENGLISH

20 ޖުލައި 2026

Advertisement

ބުރުނީގައި ތަރައްގީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް

19 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ތ. ބުރުނީގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށްދަނީ. - ފޮޓޯ: އެމްޓީސީސީ

ތ. ބުރުނީގައި ތަރައްޤީކުރަމުންދާ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ ވަށައިގެން ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބުރުނީގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ބޭރުގައި ބަހައްޓާ ދަގަނޑު ބެންޗު ހެދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ބުރުނީގެ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތްތަކުގެ ތެރޭގައި، ކޮންކްރީޓް މަސައްކަތާއި، ދަގަނޑު މަސައްކަތްތަކާއި، ކަރަންޓުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ސަރުކާރުން ބުރުނީގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. ބުރުންޏަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

ގާތްގަނޑަކަށް 700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރުނީގައި ވޮލީ ކޯޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރަށުގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު