ENGLISH
20 ޖުލައި 2026
ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ވޯލްޑް ކަޕުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައިފި
19 ޖުލައި 2026
|
އެމެރިކާގެ ރައީސް ޓްރަމްޕާއެކު ސްވިޒަލެންޑުގެ ކުރީގެ ރައީސް އެލެއިން ބާސެޓް --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ޔޫރަޕުގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ އިދާރާއިން، ފީފާ ވޯލްޑް ކަޕް 2026 ގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، 2030 ވަނަ އަހަރު ސްޕެއިން އަދި ޕޯޗުގަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް ފީފާއަށް ގޮވާލައިފިއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ފައިނަލް މެޗުގެ ކުޑަވަގުތުކޮޅެއް ކުރިން، 46 ޤައުމު ހިމެނޭ ކައުންސިލް އޮފް ޔޫރަޕް (ސީއޯއީ) ގެ ސެކްރެޓަރީ ޖެނެރަލް އެލެއިން ބާސެޓް ފީފާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، "ދެން އޮތް ކްރައިސިސް މިހާރު ފެށިއްޖެ" ކަމަށެވެ. އަދި އެއީ "ފައިސާ އާއި ނުފޫޒު" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ސްވިޒަލެންޑުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ބާސެޓް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނުފޫޒާއެކު އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދީފައިވާ ސަސްޕެންޝަން ފީފާއިން ވަނީ ލުއިދީފައެވެ. މީގެ އިތުރުން ވޯލްޑް ކަޕުގެ ސްޕޮންސަރެއްގެ ގޮތުގައި ބެޓުކުރުން ހިމެނުމަކީ މަކަރާއި ހީލަތް ހެދުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ވޯލްޑް ކަޕުގެ ތެރެއިން އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން --- ފޮޓޯ: އޭޕީ
ބަލޮގަންގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ބާސެޓް ވިދާޅުވީ ނުފޫޒުގެ ސަބަބުން ގަވާއިދުތަކަށް ބަދަލު ގެންނަން ފެށުމުން، ކޮންމެ ނަތީޖާއަކާ މެދުވެސް ޝައްކު އުފެދޭނެ ކަމަށެވެ. ބަލޮގަން ކުޅުނު އެ މެޗުން ބެލްޖިއަމް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. ސްވިޒަލެންޑުގެ ރައީސްކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައިވާ ބާސެޓް ވިދާޅުވީ ދައުލަތެއްގެ އިސްވެރިއަކު ފީފާގެ ރައީސަށް ގުޅުއްވުމުން މުބާރާތުގެ މެދުތެރެއިން އަދަބު އުވާލުމަކީ ސިޔާސީ ނުފޫޒު ދަނޑުމައްޗަށް ފޯރުން ކަމަށެވެ.
ފީފާއިން ވަނީ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އޭޑީއައި ޕްރެޑިކްޓްސްޓްރީޓާ އެކު 150 މިލިޔަން ޑޮލަރުގެ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބާސެޓް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބެޓުކުރުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ބަދަލު ނައި ނަމަވެސް، ވަކިވަކި ކުޅުންތެރިން ކުރާ ކަންކަމަށް ފައިސާ އޮބުމުގެ ފުރުސަތު ލިބި، މަކަރާއި ހީލަތަށް މަގުފަހިވެއެވެ.
ކައުންސިލް އޮފް ޔޫރަޕާއި ފީފާއާ ދެމެދު 2018 ވަނަ އަހަރު މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް ނަމަވެސް، އެ ކައުންސިލުން ވަނީ ފާޅުގައި ފީފާއަށް ފާޑުކިޔާފައެވެ. ކައުންސިލް އޮފް ޔޫރަޕް އަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ގާނޫނީ ސިޔާދަތު ނެގެހެއްޓުމަށް މަސައްކަތްކުރާ އިދާރާއެކެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: އޭޕީ
މީގެ 8 އަހަރު ކުރިން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވެފައިވަނީ ދެ ފަރާތުގެ އަމާޒަކީ ދެފުށް ފެންނަ، ޒިންމާދާރު، އަދި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. ނަމަވެސް ބަލޮގަންގެ މައްސަލައިގައި ފީފާގެ ނިންމުމަށް ޔުއެފާއިންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ބާސެޓްގެ ސިޓީގައި އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރެފުރީންގެ ނިންމުންތަކަށް ސުވާލު އުފެއްދުމާއި، ކުޅުންތެރިންނަށް ކުރިމަތިވާ ނަސްލީ ތަފާތުކުރުންތަކާއި، މެޗުގެ ކޮންމެ ހަރަކާތަކަށް ބެޓުކުރުން ހިމެނެއެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މައިގަނޑު ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރަޕާއި މޮރޮކޯގައެވެ. ބާސެޓް ވަނީ 2030 ވަނަ އަހަރުގެ މުބާރާތް ފެށުމުގެ ކުރިން، އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި މިއަދުން މިއަދަށް މަޝްވަރާތައް ފެށުމަށް ފީފާއަށް ހުށަހަޅުއްވާފައެވެ.