ENGLISH

20 ޖުލައި 2026

Advertisement

ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް 51 މިލިޔަން ޑޮލަރު

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގެ ޗެމްޕިއަން ޓްރޮފީ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފުގެ އިތުރުން، ފުރަތަމަ ފަހަރަށް ރަން އަނގޮޓިއެއް ލިބިގެންދާނެއެވެ. މިއީ އެ ޤައުމެއްގެ ކުޅިވަރުގެ ތާރީޚުގައި އަބަދަށް ފަވާލެވޭނެ ފަޚުރުވެރި ކާމިޔާބީއަކަށް ވުމުގެ އިތުރުން، މިއީ މާލީ ގޮތުން ވެސް ބޮޑު މަންފާއެއް ލިބޭނެ ކަމެކެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް 51 މިލިޔަން ޑޮލަރު ލިބޭއިރު، ދެވަނައަށް ދާ ޓީމަށް ލިބެނީ 34 މިލިޔަން ޑޮލަރެވެ.

ފީފާއިން ވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވާ 48 ޓީމަށް ބަހާލުމަށް ޖުމްލަ 871 މިލިޔަން ޑޮލަރު ކަނޑައަޅައި، އިނާމީ ފައިސާގެ އައު ރިކޯޑެއް ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ތިން ޤައުމެއްގައި ބާއްވާ މި މުބާރާތުގެ ދަތުރުފަތުރާއި ހުރުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން، ޔޫރަޕުގެ ބައެއް ފެޑެރޭޝަންތަކުން އެދިގެން މިދިޔަ އެޕްރީލް މަހު އިތުރުކުރި 100 މިލިޔަން ޑޮލަރުވެސް ހިމެނެއެވެ.

ޗެމްޕިއަން ޓީމަށް ލިބޭ 51 މިލިޔަން ޑޮލަރަކީ ބޮޑު އަދަދެއް ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައަށް ހޭދަކުރާ މިންވަރާ އަޅާބަލާއިރު މިއީ ނިސްބަތުން ކުޑަ އަދަދެކެވެ. އަދި މިއީ އެމެރިކާގައި ބޭއްވި މިދިޔަ އަހަރުގެ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަށް ލިބުނު އަދަދަށްވުރެވެސް މަދު މިންވަރެކެވެ.

މިސާލަކަށް ބަލާނަމަ ޗެމްޕިއަން ޓީމަށް ލިބޭ 51 މިލިޔަން ޑޮލަރަކީ، މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ކުލަބު ބްރައިޓަންއިން ކްރޮއޭޝިއާގެ 19 އަހަރުގެ ޑިފެންޑަރު ލޫކާ ވުސްކޮވިޗް ގަތުމަށް ހޭދަކުރި އަދަދަށްވުރެވެސް ކުޑަ އަދަދެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭނާއަކީ ވޯލްޑް ކަޕުގެ ގިނަ މެޗުތަކުގައި ބެންޗުގައި އިން ކުޅުންތެރިއެކެވެ.

ވޯލްޑް ކަޕުގެ ހުރިހާ ޓީމަކަށްވެސް ފައިސާ ލިބޭނެ

ފީފާއިން މުބާރާތުގައި ބައިވެރިވާ 48 ފެޑެރޭޝަނަށް ފައިސާ ދޫކުރަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ މުބާރާތުގައި ކުރިއަށްދާ މިންވަރަށް ބަލައި ދެވޭ އިނާމީ ފައިސާއާއި، ތަމްރީނުތަކާއި ތައްޔާރީތަކަށް ހިނގާ ޚަރަދުތައް ފޫބެއްދުމަށް ދެވޭ ފައިސާއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް މަދުވެގެން 12.5 މިލިޔަން ޑޮލަރު ލިބޭނެއެވެ. މީގެ ތެރޭގައި މުބާރާތަށް ކޮލިފައިވެ ގްރޫޕް ސްޓޭޖުގައި ކުޅޭތީ ދެވޭ 10 މިލިޔަން ޑޮލަރުގެ އިތުރުން، ތައްޔާރީތަކަށް ދެވޭ 2.5 މިލިޔަން ޑޮލަރު ހިމެނެއެވެ. މި ފައިސާ ކުރިއާލާ ދިނުމަށް ނިންމީ، ކުރީގެ މުބާރާތްތަކުގައި ބޯނަސް ނުލިބޭ ކަމަށް ބުނެ ކުޅުންތެރިން ޝަކުވާކޮށް، އުފެދޭ ހަމަނުޖެހުންތައް ނައްތާލުމުގެ މަގުސަދުގައެވެ.

މުބާރާތުގައި ޓީމުތައް ކުރިއަށްދާ މިންވަރަކަށް އިނާމީ ފައިސާގެ އަދަދު އިތުރުވަމުންދާނެއެވެ.

ފައިސާ އިތުރުކުރީ ފެޑެރޭޝަންތަކުގެ އެދުމުގެ މަތިން ޚާއްސަކޮށް ޔޫރަޕުގެ ބައެއް ފެޑެރޭޝަންތަކުން ފީފާއަށް ހުށަހެޅީ، މިދިޔަ އަހަރު ކަނޑައެޅި އިނާމީ ފައިސާގެ އޮނިގަނޑު އޮތްގޮތުން، މުބާރާތުގެ ފަހު މަރުހަލާތަކާ ހަމައަށް ދަތުރު ނުކުރެވިއްޖެނަމަ އެ ފެޑެރޭޝަންތަކަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޗެމްޕިއަން ޓީމަށް ބޮޑު އިނާމެއް

މިފަހަރުގެ ޗެމްޕިއަން ޓީމަށް 51 މިލިޔަން ޑޮލަރު ލިބޭއިރު، މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށްގެން އާޖެންޓީނާއަށް ލިބުނު 42 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. 32 ޓީމު ވާދަކުރި އެ މުބާރާތުގެ ޖުމްލަ އިނާމީ ފަންޑަކީ 440 މިލިޔަން ޑޮލަރެވެ.

އެހެން ވަނަތަކަށް ކަނޑައެޅިފައިވާ އިނާމު ފައިސާ:

  • ދެވަނަ ޓީމު: 34 މިލިޔަން ޑޮލަރު
  • ތިންވަނަ ޓީމު (އިންގްލެންޑް): 30 މިލިޔަން ޑޮލަރު
  • ހަތަރުވަނަ ޓީމު (ފްރާންސް): 28 މިލިޔަން ޑޮލަރު
ކިޔުންތެރިންގެ ހިޔާލު