ENGLISH

20 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ތެރޭގައި އިންފަންޓީނޯ ކުރެއްވި ދަތުރުފުޅުތަކުގެ ތަފުސީލު

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ --- ފޮޓޯ: އޭޕީ

މިއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ، ފީފާ ވޯލްޑް ކަޕް 2026 ގެ ތެރޭގައި ކުރެއްވި ދަތުރުފުޅުތަކާ ގުޅޭގޮތުން ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެވެ.

ތިން ޤައުމެއްގެ 16 ސިޓީއެއްގައި ކުރިއަށްދިޔަ، ތާރީޚުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ބޭއްވި މި އަހަރުގެ ވޯލްޑް ކަޕުގެ ތެރޭގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މެޗުތަކާއި، ބައްދަލުވުންތަކުގެ އިތުރުން އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ވަނީ މުޅި އުތުރު އެމެރިކާ ބައްރުގައި ދަތުރުކުރައްވާފައެވެ.

އޭޕީން ހާމަކޮށްފައިވާ ގޮތުގައި އިންފަންޓީނޯގެ މި ދަތުރުތަކުގެ ތަފުސީލު ދެނެގަތުމަށްޓަކައި، ފާއިތުވި އަހަރުތަކުގައި އޭނާ ބޭނުންކުރެއްވި ޕްރައިވެޓް ޖެޓުގެ ފްލައިޓް ލޮގުތަކާއި، އެ ޕްރެސްގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ފީފާ އާއި އިންފަންޓީނޯގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ވަނީ ދިރާސާކޮށްފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، މުބާރާތުގެ ފައިނަލް މެޗު ނިމޭއިރު، އޭނާ ކުރެއްވި ދަތުރުތަކުގެ ދިގުމިން މުޅި ދުނިޔެ ވަށައި ދެބައިކުޅަ އެއްބައި ފަހަރު ބުރުޖެހޭ ވަރަށްވުރެ ގިނައެވެ.

އިންފަންޓީނޯގެ މި ތަރުތީބެއް ނެތް ގިނަ ދަތުރުތައް ފަހިކޮށްދިނީ ގަތަރު ސަރުކާރުގެ "ގަލްފްސްޓްރީމް ޖީ650" މަރުކާގެ ޖެޓަކުންނެވެ. މި ބޯޓަކީ ވޯލްޑް ކަޕުގެ ސްޕޮންސަރެއް ކަމަށްވާ ގަތަރު އެއަރވޭސްގެ ޕްރައިވެޓް ޗާޓަރު ޑިވިޝަނުން އޮޕަރޭޓުކުރާ ބޯޓެކެވެ.

ފްލައިޓް ޓްރެކިންގ ސައިޓެއް ކަމަށްވާ "ފްލައިޓްއެވެއަރ" އިން ދައްކާ ގޮތުގައި، ޖޫން މަހުގެ ނުވަވަނަ ދުވަހު ލޮސް އެންޖެލިސްއިން މެކްސިކޯ ސިޓީއަށް ކުރި ދަތުރަށްފަހު، އެ ބޯޓު ދުވާލަކު އެވްރެޖުކޮށް އެއް ފްލައިޓަށްވުރެ ގިނައިން ދަތުރުކޮށްފައިވެއެވެ. އަދި ބައެއް ދުވަސްދުވަހު ތިން ފްލައިޓަށްވުރެ ގިނައިންވެސް ދަތުރުކޮށްފައިވެއެވެ.

މެޗުތަކަށް ވަޑައިގަތުމުގެ އިތުރުން، އިންފަންޓީނޯ ވަނީ ނިއު ޔޯކަށް ވަޑައިގެން، ފޮކްސް އެންޑް ފްރެންޑްސްއަށް އިންޓަވިއުއެއް ދެއްވާފައެވެ. އަދި ފީފާގެ 211 މެންބަރު ޤައުމުގެ މަންދޫބުން ބައިވެރިވި ސަމިޓަކަށް މަޔާމީއަށް ވަޑައިގަތުމުގެ އިތުރުން، ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދޯހާއަށްވެސް ދަތުރުކުރެއްވިއެވެ. މި ދަތުރުތަކާ ގުޅޭގޮތުން ފީފާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އެ އިދާރާއިން ޖަވާބެއް ދީފައި ނުވާ ކަމަށް އޭޕީން ވަނީ ބުނެފައެވެ.

އިންފަންޓީނޯގެ ދަތުރުތަކުގެ ބައެއް ތަފާސްހިސާބުތައް:

  • 43 މެޗު: ފައިނަލް މެޗުގެ ކުރިން އިންފަންޓީނޯ ވަނީ 43 މެޗެއްގައި ބައިވެރިވެވަޑައިގެންފައި.
  • 16 ސްޓޭޑިއަމް: މުބާރާތް ބޭއްވި ހުރިހާ 16 ސްޓޭޑިއަމެއްގައިވެސް އޭނާ މަދުވެގެން އެއް މެޗު ބައްލަވާލެއްވި. އެންމެ ގިނައިން ވަޑައިގަތީ މަޔާމީ ސްޓޭޑިއަމަށް (5 މެޗު).
  • 13 ދުވަސް: މުބާރާތުގެ ތެރެއިން 13 ދުވަހަކު އޭނާ ވަނީ އެއް ދުވަހެއްގެ ތެރޭގައި ދެ މެޗު ބައްލަވާލެއްވުމަށް ދަތުރުކުރައްވާފައި.
  • 21 އެއަރޕޯޓް: މި ދަތުރުތަކުގައި އުތުރު އެމެރިކާގެ 21 އެއަރޕޯޓެއް ބޭނުންކޮށްފައިވޭ.
  • 115 ގަޑިއިރު: މުބާރާތުގެ ތެރޭގައި ވައިގެ ތެރޭގައި ޖުމްލަ 115 ގަޑިއިރު ހޭދަކުރެއްވި. މިއީ މެދުކެނޑުމެއްނެތް ފަސް ދުވަހުގެ ދަތުރާ އެއްވަރުގެ ވަގުތެއް.
  • އެންމެ ދިގު ފްލައިޓް: މަޔާމީން ސިއެޓްލްއަށް ކުރި 5 ގަޑިއިރާއި 44 މިނެޓުގެ ދަތުރު. މިއީ ފުޓްބޯޅަ ތިން މެޗުގެ ވަގުތު.
  • އެންމެ ކުރު ފްލައިޓް: ސިއެޓްލްއިން ވެންކޫވަރ އަށް ކުރި 28 މިނެޓުގެ ދަތުރު.
  • 59،281 މޭލު: މުބާރާތުގެ ތެރޭގައި ދަތުރުކުރި ޖުމްލަ ރާސްތާ. މިއީ ދުނިޔޭގެ އެންމެ ދުރު ސިޓީތަކުގެ ދެމެދުގައި ކުރެވޭ އެތައް ދަތުރެއްގެ ޖުމްލައަށްވުރެ ބޮޑު އަދަދެއް.

ތިމާވެށީގެ ކަންބޮޑުވުން:

2030 ވަނަ އަހަރާ ހަމައަށް ފީފާގެ ހަރަކާތްތަކުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށް އެ އިދާރާއިން ވަނީ ވައުދުވެފައެވެ. ނަމަވެސް ތިމާވެށީގެ މާހިރުން ބުނާ ގޮތުގައި ތިން ޤައުމަކަށް ބަހާލައިގެން ބޭއްވި މި މުބާރާތަކީ، ޓީމުތަކާއި ސަޕޯޓަރުން އަދި އޮފިޝަލުން ކުރަންޖެހުނު ގިނަ ދަތުރުތަކުގެ ސަބަބުން، ތާރީޚުގައިވެސް ތިމާވެއްޓަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރި ވޯލްޑް ކަޕަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު