ENGLISH

20 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ފައިނަލުގައި ދަރިވަރާއި އެދުރުގެ ކުރިމަތިލުމެއް

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ ދުނިޔޭގެ އަދި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕުގެ މިހާރުގެ ޗެމްޕިއަން ސްޕެއިނެވެ. މި ކުރިމަތިލުމަކީ ގާތްގަނޑަކަށް 10 އަހަރު ކުރީގެ ގުޅުމެއް އޮތް ދެ ކޯޗުންގެ ކުރިމަތިލުމެކެވެ. އެއީ 2017 ވަނަ އަހަރު ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ކުރީގެ މަޝްހޫރު ކުޅުންތެރިންނަށް ބޭއްވި ކޯޗިން ކޯހެއްގައި، ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އަކީ އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީގެ އެދުރަކަށް ވީތީއެވެ.

"އެއީ ހީވަނީ ސުކޫލެއް ހެން؛ ކުލާހުގެ ކުރީ ސަފުގައި ތިބޭ ކުދިންނާއި ފަހަތު ސަފުގައި ތިބޭ ކުދިން ތިބޭ ފަދައިން،" ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ޑެ ލަ ފުއެންޓޭ ހަނދާން އައުކުރިއެވެ. "ލިއޯ (ސްކަލޯނީ) އިނީ އެންމެ ކުރީ ސަފުގައި. އޭނާ އަކީ އޭރުވެސް ފާހަގަކޮށްލެވޭ ކުއްޖެއް ކަމަށް ބުނުމަކީ މިހާރު ފަސޭހަ ކަމަކަށް ވެދާނެ. ނަމަވެސް ހަގީގަތަކީ އޭނާގެ ކިބައިގައި ތަފާތު ސިފަތަކެއް ހުރި. އޭނާގެ ކިބައިގައި ހުރި އުނގެނުމުގެ ޝައުގުވެރިކަމާއި، ކަންކަމުގައި ސުވާލު އުފައްދާ ގޮތް، މިސާލަކަށް 'އަހަންނަށް ތިޔަ ކަމެއް ގަބޫލެއް ނުކުރެވޭ' ފަދަ ގޮތްގޮތަށް ބަހުސްކުރުމަކީ އޭނާގެ ތަފާތުކަމެއް."

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ --- ފޮޓޯ: ގެޓީ

ޑެ ލަ ފުއެންޓޭ އަކީ އެ ކޯހުގެ ޓެކްޓިކްސް ބައި ކިޔަވައިދިން އެއް މުދައްރިސެވެ. އެ ކޯސް ކުރިއަށްދިޔަ ދުވަސްވަރު ޑެ ލަ ފުއެންޓޭ އަންނަނީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރަމުންނެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ. އޭރު އެ ޓީމުގައި މިހާރުގެ ތަރިން ކަމަށްވާ ރޮޑްރީ، މިކޭލް މެރީނޯ އަދި އުނާއީ ސިމޯން ހިމެނެއެވެ.

އެ ދުވަސްވަރު ސްކަލޯނީ މަސައްކަތްކުރަމުން އައީ އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެއަށް ފަހު ސްކަލޯނީ، 2019 ވަނަ އަހަރު އާޖެންޓީނާއާ ހަވާލުވުމުގެ ކުރިން، ސެވިއްޔާގެ އެސިސްޓަންޓް ކޯޗަކަށް ސަމްޕައޮލީއާ އެކު މަސައްކަތްކުރިއެވެ. 

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ --- ފޮޓޯ: ގެޓީ

ސްކަލޯނީ ބުނީ އޭނާއާ ސްޕެއިނާ ދެމެދު އަބަދުވެސް ޚާއްސަ ގުޅުމެއް އޮންނާނެ ކަމަށެވެ. އަދި ޑެ ލަ ފުއެންޓޭ އަކީ އަބަދުވެސް ގާތް މީހެއްގެ ގޮތުގައި ދެކޭނެ ކަމަށާއި، މީގެ ނުވަ އަހަރު ކުރިން ޑެ ލަ ފުއެންޓޭ އުނގަނައިދިން އެއްޗެހި މިހާރުވެސް ބޭނުންކުރަމުން އަންނަ ކަމަށް ސްކަލޯނީ ވަނީ ބުނެފައެވެ. 

މިހާރު ޑެ ލަ ފުއެންޓޭ މަސައްކަތް ކުރަމުންދަނީ އެއް ފަހަރާ ވޯލްޑް ކަޕާއި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމަށެވެ. އަނެއްކޮޅުން ސްކަލޯނީ މިވަނީ އޭނާގެ ދުނިޔޭގެ ތަށި ދިފާއުކުރުމާ ފިޔަވަޅަކާ ގާތުގައެވެ. މިއީ މީގެ ކުރިން ކުލަބު ފެންވަރުގެ އެއްވެސް މަތީ ފަންތީގެ މެޗަކަށް އިރުޝާދު ދީފައިނުވާ ދެ މީހަކަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

9 އަހަރަށްފަހު، މިއަދު އެދުރާއި ދަރިވަރު ބައްދަލުކުރާނީ ފޮތާއި ގަލަމާއެކު ކުލާސް ރޫމެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުންގެ ކުލާސް ރޫމަކަށް ވާނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ދަނޑެވެ.

ކިޔުންތެރިންގެ ހިޔާލު