ENGLISH
10 ޖުލައި 2025
"ސޭފް ހޯމް" ތަރައްގީކުރުމަށް 10،000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ގަނެފި
11 އޭޕްރީލު 2025
|
ހުޅުމާލޭގެ ބައެއް އިމާރާތްތައް: ސޭފް ހައުސް ތަރައްގީކުރުމަށް ސަރުކާރުން ބިން ގަތީ އަކަފުޓެއް 3،150ރ. އަށް-- ފޮޓޯ/ ވެއާއިސްމޯލްޑިވްސް
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، "ސޭފް ހޯމް" ފެސިލިޓީއެއް ގާއިމު ކުރުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް 31.5 މިލިއަން ރުފިޔާއަށް ސަރުކާރުން ގަނެފިއެވެ.
ސިވިލް ކޯޓުގެ ވެބްސައިޓުގައި އިއްޔެ އާންމު ކުރި ހުކުމުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީން މި ބިން ގަނެފައިވަނީ ހުޅުމާލޭގައި ސޭފް ހޯމް ފެސިލިޓީއެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ފިނޭންސް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް ފެމެލީ ޑިވެލޮޕްމަންޓާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
މިބިން ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 15 ޖުލައި 2024 ގައެވެ. މި މައްސަލަ ކޯޓުން ނިންމީ އިއްޔެ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން ހުޅުމާލެ ލޮޓް ނަމްބަރު 11707 (A2-1) ގެ އަމިއްލަ ބިން ގަތުމަށް ދައްކަން ޖެހޭ 31.5 މިލިއަން ރުފިޔާ، ފިނޭންސް މިނިސްޓްރީން އެޗްޑީސީއަށް ދައްކާ ވަނީ ހަލާސްކޮށްފައެވެ. އެއީ އަކަފޫޓަކަށް 3،150ރ. ޖެހޭ އަގެކެވެ.
ހުޅުމާލެ އާއި އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ސޭފް ހޯމް ފެސިލީޓީ ތަރައްގީކުރުމަށް "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވް" ޕްރޮޖެކްޓުގެ ދަށުން ނިންމާފައިވެއެވެ. އެއީ ދިވެހިރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީއާ) ދެމެދު 2022 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އޭޑީބީގެ ހިލޭ އެހީގައި ކުރިއަށް ގެންދަން ކުރިން ނިންމި ޕްރޮޖެކްޓެކެވެ.