ENGLISH

10 ޖުލައި 2025

Advertisement

މުޝްފިޤުގެ މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ ބަލަނީ

11 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ވަޒީރު ޑރ. ޝަހީމް

މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ އެރަށު އަހިމާގެ، އަލީ މުޝްފިޤް މުހައްމަދު ޝަރީފްގެ މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓު" ގައި މި މަހުގެ 2 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މާވަށު ކައުންސިލުން ނިންމާފައި އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ކައުންސިލުގެ އެ ނިންމުން ބަދަލުކޮށް މުޝްފިޤުގެ މައްޗަށް މިއަދު ކަށު ނަމާދު ނުކުރާ ކަމަށެވެ. އެއީ އެފަދަ ހާލަތުގައި އަމަލުކުރަން ދީނުގައި އޮންނަ ގޮތް ވަޒީރު ޝަހީމް ރޭ ވަރަށް ތަފްސީލު ކޮށްދެއްވުމުންނެވެ.

ވަޒީރު ވިދާޅުވީ މުޝްފިޤުގެ ޢާއިލާއާ މިއަދު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމަށާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަން ފާހަގަކުރައްވާފަ އެވެ.

"އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ،" ވަޒީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު