ENGLISH
18 އޭޕްރީލު 2025
އާއްމު ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހު ފަށަނީ
11 އޭޕްރީލު 2025
|
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން
މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހު ފަށާނެކަން ވަޒީރު މުހައްމަދު އަމީން ހާމަކުރެއްވީ ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ޓެކްސީ ލައިން ފެށުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ ފެބްރުވަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، އާ ޚިދުމަތާއެކު އެޕްލިކޭޝަނެއް ތައާރަފްކޮށް 24 ގަޑިއިރު އެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތައާރަފުވެގެން ދިއުން،" ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޓެކްސީ ހޯދާނެ ބަޔަކު ކަނޑައަޅައި އެފަރާތުން ޓެކްސީ ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އުޅަނދުތައް މެއިންޓެއިންކުރުމާއި ޗާޖު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޓީސީސީން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބޭނުމަކީ ވަކި ސްޓޭންޑާޑެއް ކަނޑައެޅުން ކަމަށާއި، ޓެކްސީ ލައިންތައް ރަނގަޅު ފެންވަރަކަށް އޮޕަރޭޓް ކުރެވި އާއްމުންގެ އުއްމީދާ އެއްވަރަށް ޚިދުމަތް ދޭން ބޭނުންފުޅުވާ ކަމަށެވެ.
އަމިއްލަ ފަރާތްތަކުން މިހާރު ޓެކްސީ ކުރާއިރު ކާރުގެ މަރާމާތަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށް ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނާއެކު މިހާރު ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުންނަށް ދެރަގޮތެއް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު އަމީން ދެއްވިއެވެ.