ENGLISH
18 އޭޕްރީލު 2025
މޯލްޑިވިއަން އިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް!
11 އޭޕްރީލު 2025
|
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މެލޭޝިއާ އަށް ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަން އިން މެލޭޝިއާއަށް ކުރާ ދަތުރުގެ މަންޒިލަކީ ވެރިރަށް ކުއާލަ ލަމްޕޫރެވެ. މޯލްޑިވިއަންގެ އެއާބަސްގެ މި ދަތުރުތައް ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ، މެލޭޝިއާއަށް 3 ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މިމަހުގެ 27، 29 އަދި 30 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ދަތުރުތަކެެކެވެ. މެލޭޝިއާއަށް ތިން ދަތުރު ކުރުމަށް ބޭނުންކުރާނީ މޯލްޑިވިއަންގެ ނެރޯބޮޑީ އެއަރބަސް އޭ320 އާއި ވައިޑްބޮޑީ އެއަރބަސް އޭ330 ކަމަށް އެ އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި މާލެއިން ކުއާލަ ލަމްޕޫރަށް މި މަހުގެ 27 ވަނަ ދުވަހު ކުރާ ދަތުރުގެ އިކޮނޮމީ ކުލާހުގެ އަގަކީ 149 ޑޮލަރެވެ. އަދި އިކޮނޮމީ ފްލެކްސްގެ ދަތުރުގެ އަގަކީ 174 ޑޮލަރެވެ.
އަދި ކުއާލަ ލަމްޕޫރުން މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ އިކޮނޮމީ ކުލާހުގެ އަގަކީ 99 ޑޮލަރެވެ. އިކޮނޮމީ ފްލެކްސްގެ ދަތުރުގެ އަގަކީ 124 ޑޮލަރެވެ.
މާލެއިން ކުއާލަ ލަމްޕޫރަށް މި މަހުގެ 29 ވަނަ ދުވަހު ވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ އިކޮނޮމީ ކުލާހުގެ އަގަކީ 149 ޑޮލަރެވެ. އަދި އިކޮނޮމީ ފްލެކްސް ދަތުރުގެ އަގަކީ 174 ޑޮލަރެވެ.
މީގެއިތުރުން 30 ވަނަ ދުވަހު ކުއާލަ ލަމްޕޫރުން މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުގެ އިކޮނޮމީ ކުލާހުގެ އަގަކީ 119 ޑޮލަރެވެ. އިކޮނޮމީ ފްލެކްސް ކްލާހުގެ ދަތުރުގެ އަގަކީ 144 ޑޮލަރެވެ.
މެލޭޝިއާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. ތަފާތު އެކިއެކި ބޭނުންތަކަށް އެގައުމަށް ޒިޔާރަތް ކުރާ ދިވެހިންގެ އަދަދު ވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.
މެލޭޝިއާގެ ފަތުރުވެރިން ވެސް ރާއްޖެއަށް އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް މެލޭޝިއާ އިން 19،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެވެ. މޯލްޑިވިއަނުން މިހާރު ވަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށައިފައެވެ. އެއީ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއެވެ.
މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް އޮތްކަމަށް އެ ކުންފުނިން ބުނެއެެވެ. އަދި ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފުޅާކޮށް، ތައިލެންޑާއި ޔޫރަޕަށް ވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުންނެވެ.