ENGLISH

18 އޭޕްރީލު 2025

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

11 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ޓެކްސީވޭ އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނީ ޗައިނާގެ ކުންފުންޏަކުން. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ދުވަސްވީ "ޓެކްސީވޭ-ޗާލީ" އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ޓެކްސީވޭ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ.

މަސައްކަތް ހަވާލުކުރީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭނީ 2027 ވަނަ އަހަރުގެ މެދުތެރޭގައެވެ. 

އިއްޔެ އޮތް ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

ބޮޑު މަރާމާތަކަށް ފަހު ޒަމާނީ ފެންވަރަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ "ޓެކްސީވޭ ޗާލީ ރީބިލްޑް" ގެ ނަމުގައެވެ. ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މަތިންދާބޯޓާއި ފަސިންޖަރުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި، އަލުން ގެނެވޭ ތަރައްގީއާއެކު ޓެކްސީވޭ އިމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެއެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ މަސައްކަތް ހަވާލުކުރި ޗައިނާގެ ބީޔޫސީޖީއަކީ އެމްއޭސީއެލްއާ އެކު އެއާޕޯޓުގެ މަޝްރޫއުތައް ކުރިއަށްގެންދާތާ 10 އަހަރު ވެފައިވާ ކުންފުންޏެއް ކަމަށެވެ. 

ބީޔޫސީޖީ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީގެކުރިން ވަނީ ކޯޑް-އެފް ރަންވޭ އާއި ޓާމިނަލްތަކުގެ އިތުރުން ފިއުލް ފާމްގެ މަރާމާތުގެ މަސައްކަތްކޮށްފައެވެ.

"ޓެކްސީވޭ ޗާލީ ރީބިލްޑް" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ޗައިނާގެ ކުންފުނީގެ ޗެއާމަން ލީ ވެއިޑޮން ވިދާޅުވީ މިދިޔަ 10 އަހަރު އެމްއޭސީއެލްއާއެކު ކޮށްފައިވާ މަސައްކަތްތަކާއެކު އިތުބާރު ގާއިމުވެފައިވާ ކަމަށެވެ. އަދި، މީގެކުރީގެ ޕްރޮޖެކްޓްތައްވެސް ވަރަށް ރަނގަޅަށް ނިންމާފައިވާނެކަމަށާއި، "ޓެކްސީވޭ ޗާލީ ރީބިލްޑް" ކުރުމުގައި ހަރަކާތްތެރިވާނީ އެންމެ ތަޖުރިބާކާރު އިންޖީނިއަރުންގެ ޓީމު ކަމަށް ލީ ވެއިޑޮން ވިދާޅުވިއެވެ. 

ޓެކްސީވޭ ޗާލީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ރަންވޭއެވެ. މިދިޔަ ދިގު މާޒީގައި އެތަން މަރާމާތު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު