ENGLISH
18 އޭޕްރީލު 2025
މިމަހު ހަތަރު ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭން ފަށާނެ
11 އޭޕްރީލު 2025
|
މާޗް މަހު ގދ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުން. ފޮޓޯ: ޑީއެންއާރު
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އޭޕްރީލް މަސް ނިމުމުގެ ކުރިން އިތުރު ހަތަރު ރަށެއްގައި އެ ޚިދުމަތް ފަށާނެ ކަމަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.
ޑީއެންއާރުން ބުނީ މި މަހު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރަން މަސައްކަތްކުރަމުން އަންނަނީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫގައި ކަމަށެވެ.
ހަތަރު ރަށުގެ ތެރެއިން މ. މުއްޔާއި ށ. ފުނަދޫއަކީ އަތޮޅު ވެރިކަންކުރާ ދެ ރަށެވެ. ށ. މިލަންދޫ އާއި ނ. ވެލިދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު އެ ހިދުމަތަށް ބޭނުންވެފައިވާ ދެރަށެވެ.
ސަރުކާރުން މިހާރު ވެސް 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މި މަހު އިތުރުވާ ހަތަރު ރަށާއެކު އެ އަދަދު 19 އަށް އަރާނެވެ.
ޑީއެންއާރުން ބުނީ ނ. މަނަދޫ އާއި ނ. ކެނދިކުޅުދޫން މިހާރުވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މާޗް މަހު ޑީއެންއާރުން ވަނީ ޅ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފައެވެ. އަދި، އޭގެފަހުން އޭޕްރީލް މަހުގެ ކުރީކޮޅު ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ރަސްމީކޮށް ފެށިއެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.
އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތުގެ އިތުރުން، ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުވަރީ މަހު ށ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ވަނީ ފަށައިފައެވެ.