ENGLISH
18 އޭޕްރީލު 2025
އައްޑޫ އެއާޕޯޓުގެ މަގު ހެދުމުގެ މަޝްރޫޢުއަށް ހުރަސްއެޅޭ އިމާރާތް ނެގުމަށް ކޯޓަށް
11 އޭޕްރީލު 2025
|
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް، އެތަނުގައި ހުރި އިމާރާތަކާ ހަމައަށް ގޮސް ހުއްޓިފައި. އެ އިމާރާތް ހުސްނުކުރާތީ މަގުގެ އަނެއް ބައި ނުހަދާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ވަނީ އަންގާފައި
އީކުއޭޓާ ވިލެޖް ސަރަޙައްދުން އައްޑޫ އެއާޕޯޓަށް ބިން ހޯދުމަށް ކޯޓަށް ދާނެކަމަށް އައްޑޫ އެއާޕޯޓު ކޮމްޕެނީން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒާއި އެތަނާ އިންވެގެން ހުރި އެހެން އިމާރާތްތަކަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހަރުމުދަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެތަން އެކުންފުންޏަށް އެންގުމަކާނުލައި، އެހެން ބަޔަކަށް ބަދަލުކުރެވިފައިވާ މައްސަލައަކީ ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް 2013 ވަނަ އަހަރު ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ، އެ ބިމަކީ އީކުއޭޓާ ވިލެޖުގެ ހޮޓެލްތައް ހިންގަން ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސްއަށް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރި ބިމެއް ވެސް ނޫން ކަމަށާއި މި މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް ފަހު ޝަރީއަތް މެދުވެރިކޮށް އެ ބިމުގެ މައްސަލަ ހައްލުކުރުމާ މެދު ގޮތެއް ނިންމަން ފެނޭތޯ ބެލުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅަން ކުންފުނީގެ މެނޭޖްމެންޓުން މިހާރު ނިންމާފައިވާ ކަމަށެވެ.
އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން ހަދާ މަގަކީ، ޕްރޮޖެކްޓްގެ ވަރަށް މުހިއްމު ބައެއް ކަން ފާހަގަކުރަމުން، އެކުންފުނިން ބުނީ އެ މަގު ނުހެދިއްޖެ ނަމަ، ޕްރޮޖެކްޓްގެ ދަށުން ހަދާ ބައެއް އިމާރާތްތައް ބޭނުން ކުރަން ދަތިވެދާނެ ކަމަށެވެ.
މި އިމާރާތަކީ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ އިމާރާތެއް ކަމުން، އެއާޕޯޓު މަގަށް އަރާ ބައި ހުސްކުރިޔަސް ރިސޯޓު އޮޕަރޭޝަނަށް ދަތިކަމެއް ނާންނާނެކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ފަރުމާކޮށް، ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމާއި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަމަށެވެ.
އެކުންފުނީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސަރަހައްދުން އިމާރާތަށްވާ ޖާގައަށް ބިން ދޭނެ ކަމަށް ހުށަހެޅި ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ. އަދި އެސަރަހައްދުގެ މެދުން މަގު ހެދި ކަމުގައި ވިޔަސް ދެ ފަރާތަށް ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އެއްބަސްވެފައިވާ ކަމަށްވެސް މި ބަޔާނުގައިވެއެވެ.
އެ ޕްރޮޖެކްޓަށް ބޭނުންވާ ބިންތައް ހުސްކުރަން، ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިމާރާތްތައް ވެސް ހުސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހާއި ފުލުހުންނާއި ކަސްޓަމަސްގެ އިތުރުން އެމްއެންޑީއެފާއި އެ ސަރަހައްދުގައި ހިންގި ރެސްޓޯރެންޓެއް ވެސް ވަނީ ހުސްކޮށްފަ އެވެ.
މީގެ ކުރިން، މި އިމާރާތް ނެގުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކޮށް ވަކިން އެހެން ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ މިޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު، އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީއެވެ.