ENGLISH
18 އޭޕްރީލު 2025
ޒަކިއްޔާގެ ހަށިގަނޑު ނަގާ އޮޓޮޕްސީ ހަދައިދޭން އާއިލާގެ ބަޔަކު އެދިއްޖެ
10 އޭޕްރީލު 2025
|
ޒަކިއްޔާ މޫސާ
ނ. ހޮޅުދޫގައި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަގެ ތަހުޤީޤަށް އޭނާގެ ހަށިގަނޑު ނަގާ އޮޓޮޕްސީ ހަދައިދޭން އޭނާގެ އާއިލާގެ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
ޒަކިއްޔާގެ އާއިލާގެ ބަޔަކު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ޕްރޮސެކިއުޓަރު ޖެނެރަލް ޢައްބާސް ޝަރީފަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވައި، އެކަމަށް އެދިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ޒަކިއްޔާގެ މަރާމެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ބޭނުންވާ ކަމަށެވެ. އެހެން ކަމުން ޒަކިއްޔާގެ ހަށިގަނޑު ނަގާ އޮޓޮޕްސީ ހެދުމަށް އެދޭ ކަމަށެވެ.
މައްޔިތާ ވަޅުލުމަށްފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއް ކަމަށާ އަދި އެއީ ރާއްޖޭގައި ވެސް އާ ކަމެއްނޫން ކަމަށް ބުނެފައިވެ އެވެ.
"ވީމާ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަޅުގަނޑުމެން ބޭނުންވޭ،" ސިޓީގައި އެދިފައިވެއެވެ.
ނ. ހޮޅުދޫ، ނިއުލައިފް، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެހެންނަމަވެސް، ޒަކިއްޔާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އަދި އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއް ވެސް އޮތްކަމަށް ފުލުހުން ބުންޏެވެ.