ENGLISH

18 އޭޕްރީލު 2025

Advertisement

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު މަރުވެއްޖެކަމަށް ޤާޟީ ކަނޑައެޅުމުން: މިނިސްޓަރު ޝަހީމް

10 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ އެ މީހަކު މަރުވެއްޖެކަމަށް ޤާޟީ ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފައިވާ މީހަކު މަރުވެފައިވާކަމަށް ބަލައި، ޣައިބަށް ކަށު ނަމާދު ކުރުމާމެދު އަމަލުކުރާނެ ގޮތާ މެދު ސުވާލު ކުރަމުންދާތީ އެކަމާއި ގުޅޭގޮތުން ނެރުއްވި ބަޔާނެއްގަ އެވެ.

މިނިސްޓަރު މިފަދަ ބަޔާނެއް އާންމު ކުރެއްވީ ގެއްލިގެން ހޯދަމުންދާ ލ. މާވަށު، އަލީ މުޝްފިޤު މުހައްމަދު ޝަރީފް މައްޗަށް މާދަމާ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލ. މާވަށު ކައުންސިލުން ބުނުމާއި ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީ އަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ.

މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެއެވެ. އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހައިކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ. ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވީއެވެ." - މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

މިނިސްޓަރު އިތުރަށް ވިދާޅުވީ ޤާޟީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ޞައްޙަވާނެ ކަަމަށެވެ.

"އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތެވެ. ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައެވެ. ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެއެވެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެ އެވެ." - މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

 ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު