ENGLISH

18 އޭޕްރީލު 2025

Advertisement

އެންމެ ގިނަ މެމްބަރުންނާ އެކު އެންމެ ބޮޑު ބަޖެޓެއް ލިބުނީ ޕީއެންސީއަށް

10 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް 2025 ވަނަ އަހަރުގެ ބަޖެޓުން ދޫކުރާ ފައިސާގެ އަދަދުތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.

އެ ކޮމިޝަނުން އާއްމުކުރި ބަޔާނުގައި ބުނީ ފައިސާ ދޫކުރަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ކަމަށެވެ. އެގޮތުން ޕާޓީތަކަށް ބަހަން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އާމްދަނީން ސިޔާސީ ޕާޓީތަކަށް ދޫކުރާ 0.01 އިންސައްތަ އަށްވާ -/27،981،256 (27.98 މިލިއަން) ރުފިޔާއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތުގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. ޕީއެންސީގައި ޖުމްލަ 68،968 މެމްބަރުން ތިބުމާއެކު ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ އެ ޕާޓީއަށެވެ. އެގޮތުން ޕީއެންސީއަށް 13،316،689.57 (13.3 މިލިއަން) ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ދެވަނައިގައި އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެމްޑީޕީގައި 43،755 މެމްބަރުން ތިބިއިރު އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވަނީ 8،454،780.51 (8.5 މިލިއަން) ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މީހުން ހަމަވަނީ ފަސް ޕާޓީއެއްގައެވެ.

ޕީއެންސީއާއި އެމްޑީޕީގެ ފަހަތުން ތިންވަނައިގައި އޮތީ ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީގައި 13،826 މެމްބަރުން ތިބިއިރު ޖުމްލަ ލިބޭ އަދަދަކީ 2،656،598.57 (2.7 މިލިއަން) ރުފިޔާއެވެ.

ހަތަރު ވަނައިގައި އޮތް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް 1،769،648.69 (1.8 މިލިއަން) ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އެޕާޓީގެ ރަޖިސްޓްރީގައި ތިބީ 9،210 މީހުންނެވެ.

އަދާލަތު ޕާޓީ (އޭޕީ) ގައި ތިބި 9،049 މެމްބަރުންނަށް ލިބެނީ 1،748،538.65 (1.7 މިލިއަން) ރުފިޔާއެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު ކަނޑައަޅަނީ ޖޫރިމަނާގެ އަދަދުތަކަށް ނުލިބިވާ ފައިސާ ކަނޑައިފައެވެ. އެގޮތުން ހުރިހާ ޕާޓީއެއް ހިމެނޭހެން ޖޫރިމަނާގެ ގޮތުގައި 70،000 އިލެކްޝަންސް ކޮމިޝަނަށް ނުލިބި ވެއެވެ. ޖޫރިމަނާގެ އަދަދުތައް ކެނޑުމަށް ފަހު ފަސް ޕާޓީއަށް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 27،911،256.00 (27.91 މިލިއަން) ރުފިޔާއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރާ އަދަދުތައް ކަނޑައެޅީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު