ENGLISH
18 އޭޕްރީލު 2025
މުޝްފިޤުގެ މައްޗަށް މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި
10 އޭޕްރީލު 2025
|
ގެއްލިގެން ހޯދަމުންދާ މުޝްފިޤު.
ގެއްލިގެން ހޯދަމުންދާ ލ. މާވަށު، އަލީ މުޝްފިޤު މުހައްމަދު ޝަރީފް މައްޗަށް މާދަމާ ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލ. މާވަށު ކައުންސިލުން ބުނެފިއެވެ.
މުޝްފިޤު ގެއްލުނީ އޭޕްރީލް ދެވަނަ ދުވަހުގެ ރޭ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައެވެ. އެ ބޯޓަކީ ތ. އަތޮޅާއި ލ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރާ ބޯޓެކެވެ. އަލިފާނުގެ ހާދިސާގައި އެ ބޯޓު އެއްކޮށް އެނދިއިރު ގެއްލިގެން ހޯދަމުން ދަނީ މުޝްފިޤު އެކަންޏެވެ. ޖުމްލަ 18 މީހުން ދަތުރުކުރި ބޯޓުން 17 މީހުން ސަލާމަތްކުރިއެވެ.
މާވަށު ކައުންސިލުން މިއާދު އާއްމުކުރި އިއުލާނުގައި ބުނީ، މާދަމާ ހުކުރު ނަމާދަށް ފަހު މުޝްފިޤުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނެ ކަމަށެވެ. ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އެރަށު މަސްޖިދު ބިލާލްގައެވެ.
ކައުންސިލުން ބުނީ ކަށުނަމާދުގައި އަންހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. ކަށުނަމާދުގައި ވީހާ ގިނަބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މުޝްފިޤު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ އުޅަނދުތަކާއި އެއާކާގޯ އަދި ޑްރޯންގެ އެހީގައި އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިޤު ފެނޭތޯ މިހާތަނަށް ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ.
މާވަށު ސުުކޫލުން ގުރޭޑް ދިހަޔަކާ ހަމައަށް ކިޔެވިއިރު ސުކޫލުގައި ބާއްވާ ހުރިހާ މުބާރާތްތަކުން މުޝްފިޤު ރަން ވަނަތައް ހާސިލްކުރިއެވެ.
މުޝްފިޤު ރަށަށް ދިޔައީ ފަހު 10 ގެ ޗުއްޓީގައި އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ. މުޝްފިޤު އައީ ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންނެވެ.