ENGLISH
18 އޭޕްރީލު 2025
އަތޮޅު ތެރޭގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް ހިންގަން ހަވާލުކުރެވިއްޖެ
10 އޭޕްރީލު 2025
|
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު، ފޮޓޯ: ރައީސް އޮފީސް
ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރަށް 10 ރަށެއްގައި މުޅިން އަލަށް ހޮސްޕިޓާ އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓާތައް ގާއިމުކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރަށް ހަތަރު ރަށެއްގަައި ޓާޝަރީ ފެންވަރަށް ހޮސްޕިޓާ ތަރައްގީކުރުމުުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ނާޒިމު ވިދާޅުވިއެވެ.
އެގޮތުން ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ރ.އުނގޫފާރާއި، ގދ.ތިނަދޫ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމުގައި ނާޒިމު ވިދާޅުވިއެވެ. އޭގެ އިތުރަށް 4 ރަށެއްގެ ސިއްހީ މަރުކަޒު އިތުރަށް ބޮޑުކުރުމުގެ މަސައްކަތާއި، 10 ރަށެއްގެ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތާއި އަށް ރަށެއްގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓާތައް ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރު ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހިސާބުތަކަށް ބަލާއިރު މާލެއިން ބޭރުގައި އަތޮޅު ތެރޭގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް ހިންގުމަށް މިހާރުވަނީ ހަވާލުކުރެވިފައެވެ. އެއިން ބައެއް މަސައްކަތް ފެށިގެން ކުރިއަށްދާއިރު އަނެއްބައި މަޝްރޫއުތަކުގެ ކޮންޓްރެކްޓު ހަވާލުކުރެވި، މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އޭގެ އިތުރަށް ކެންސަރު ބައްޔަށް ހާއްސަަ ހޮސްޕިޓަލާއި، އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހޮސްޕިޓާ އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ކެންސަރު ބަލީގެ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފަންޑު ޔޫއޭއީން ހޯދުމުގެ މަސައްކަތް މިހާރު ފެށި އެކަމާ ގުޅޭ އިދާރީ ކަންކަން ހަމެޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ނޭޝަނަލް ހެލްތު ލެބޯޓަރީގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޖާގަ ބޮޑު ފެންވަރު ރަނގަޅު ތެލެސީމިއާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.