ENGLISH

10 ޖުލައި 2025

Advertisement

މަގުތަކަށް ފުލުހުން؛ އާއްމުންނަށް ރައްކާތެރިކަމުގެ އިހުސާސް

10 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާ ގޮތަށް ފުލުހުންގެ އޮޕަރޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވަނީ ފަށައިފައެވެ. 

މި ބަދަލުތަކާ ގުޅިގެން ރަނގަޅު ހެޔޮ ބަދަަލުތަކެއް އައިސް މަގުތަކުގައި ހިނގައިބިނގައިވެ އުޅުމަށް ފަސޭހަވަމުންދާކަން އާއްމުން ފާހަގަކުރެއެވެ.  

އެމްއެމްޓީވީއަށް ބައެއް އާންމުން މައުލޫމާތު ދިން ގޮތުގައި، މި ބަދަލާ ގުޅިގެން އާންމުންނަށް ލިބެމުންދާ ފައިދާތަކުގެ ތެރޭގައި މަގު ހުރަސްކުރުމުގެ ފަސޭހަކަން އިތުރުވުމާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވުން، އަދި ޓްރެފިކް އެކްސިޑެންޓްތައް މަދުވުން ހިމެނެއެވެ.

" މިހާރު ފުލުހުން މަގުމަތީގައި ހުންނަ އިރު އަޅުގަންޑަށް ފަސޭހައީ އަޅުގަންޑުމެން ހިންގާފަ އަންނަ އިރު އެބޭފުޅުން އެބަ ތިބޭ އެކޮޅުން އަންނަ އެއްޗެހި މަޑު ކުރަން އެހެންވެ އެއީ އަޅުގަންޑުމެނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް" އެމްއެމްޓިވީއާ ވާހަކަދެއްކި އާއްމު މީހަކު ބުންޏެވެ. 

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޓްރެފިކް އެކްސިޑެންޓްތައް ވަނީ %15 އަށް މަދުވެފައެވެ.

މީގެ އިތުރުން، މަގުމަތީގެ ކުށްތައް %20 އަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ފުލުހުންގެ އިތުރު ހަރަކާތްތެރިކަމާ ގުޅިގެން، މަގުމަތީގައި ހިނގާ އަނިޔާވެރި ޢަމަލުތައް %30 އަށް މަދުވެފައިވާކަންވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ހަރަކާތްތެރިކަން އިތުރުކުރެވިފައިވާ ސަރަހައްދުތަކާއި، މީހުން ހުއްޓުވައި ސުވާލުކުރެވޭ މިންވަރު އިތުރުކުރެވުމާއެކު، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ސަރަހައްދުތައް ވަގުތުން މޮނިޓާކޮށް ބަލަަހަައްޓަމުންދާކްން ފުލުހުންގެ ކޮމާންޑުން ވަނީ ހާމަކޮށްފައެވެ.

"މިހާރު މިދުވަސް ކޮޅު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ ގޮތަށް ބަލާނަމަ ރަނގަޅު، އެކަމަކު ކުރީގަ އަޅުގަންޑުމެނަކަށް ނުއެއް ފެނޭ އެ މަންޒަރެއް އެކަމު މިހާރު ފުލުހުން ހަރަކާތްތެރިވާތީވެ މަގުމަތީގައި މި ހިނގާ އެކްސިޑެންޓްތަށް މަދުވެފައި ކުށްކުރުމުގެ ރޭޓުވެެސް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެވޭ،" އިތުރު އާއްމު ރައްޔިތަކު ފާހަގަކުރިއެވެ. 

މިކަމުގެ ސަބަބުން، ކުއްލި ހާދިސާތަކަށް އަވަހަށް އިޖާބަދިނުމުގެ ޤާބިލުކަން %40 އަށް އިތުރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ޕޮލިސް ކޮމިޝަނަރުގެ ވިދާޅުވެފައިވާ ފަދައިން މާލޭގައި ކުށްކުރާ ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައިވެސް، އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ފުލުހުން ދާއިމީކޮށް ހަރަކާތްތެރިވަމުންދެއެވެ. 

މި އިތުރު ފިޔަވަޅުތަކަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަމާއި، އާންމު ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް އާއްމުންގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު