ENGLISH

18 އޭޕްރީލު 2025

Advertisement

އެއާ އެމްބިއުލާންސްގެ ހިދުމަތް ކާމިޔާބު؛ އިތުރަށް ފުޅާކުރުމަށް މީހުން ތަމްރީނުކުރަނީ

10 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އެއާ އެމްބިއުލާންސް، ފޮޓޯ: ހެލްތު މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރުގެ މާޗު މަަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ކާމިޔާބު ހިދުމަތެއްކަން ފާހަގަކުރެއްވުމާއެކު، އިތުރަށް ހިދުމަތް ފުޅާކުރުމުގެ ގޮތުން މީހުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމު ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ސިއްހީ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވެއެވެ. އަދި ގިނަ ބަޔަކު މިހާތަނަށް އެ ހިދުމަަތް ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެއާ އެމްބިއުލާންސް 899 ދަތުރުކޮށްފައިވެއެވެ. އެ ދަތުރުތަކުގައި 1،072 ބަލިމީހުން އުފުލާފައިވެއެވެ. 

ރައްޔިތުންނަށް އެ ހިދުމަތުގެ ސަބަބުން ލުއިފަސޭހަ ލިބުނުކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ އެ ހިދުމަތް އިތުރަށް ފުޅާކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ހިދުމަތް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ފަންނީ މީހުން ނެތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ނާޒިމު ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކޮށް އެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމަށް ގައުމީ ޔުނިވާސިޓީއާއެކު މިހާރު އެއްބަސްވުމެއް ގާއިމުކުރެވި، އެ މަސައްކަތްކުރުމަށް ކެބިނެޓުގެ އިޖުތިމާއީ މަޖިލީހުން ރުހުން ލިބިފައިވެއެވެ. 

"މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން މިދާއިރާގެ މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުތަކެއް ހިންގުމަށް ސޯޝަލް ކައުންސިލުގެ ހުއްދަ ލިބި ނިންމުންތައް ނިމި އެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ކަަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ  މި އަހަރުގެ ފަހުކޮޅު ހުޅުވައިލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާގެ ކޯސްތައް ހިމެނޭނެ،" މިނިސްޓަރު ވިދާޅުވިއެވެ. 

ނާޒިމު ވިދާޅުވި ގޮތުގައި މި ދާއިރާއިން މީހުން ތަމްރީނުކުރެވުމުން މިހާރު ފޯރުކޮށްދެމުންދާ އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކުރެވިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު