ENGLISH

18 އޭޕްރީލު 2025

Advertisement

ތައުލީމީ ދާއިރާގެ 600 އަށްވުރެ ގިނަ އުމްރާނީ މަޝްރޫއު ކުރިއަށް، ބޮޑެތި މަސައްކަތްތައް ހިމެނޭ

10 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް


ބޮޑެތި ގިނަ މަސައްކަތްތަކެއް ހިމެނޭހެން މި ވަގުތު ރާއްޖެގައި ސްކޫލުތަކަށް ބޭނުންވާ ޢުމްރާނީ ތަރައްގީގެ 600 އަށްވުރެ ގިނަ މަސައްކަތް ހިންގަމުންދާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ، މި ވަގުތު ރާއްޖެގައި 3،740 ކްލާސްރޫމް އެބަހުރި ކަމަށާއި މީގެ އިތުރަށް 58 ކްލަސްރޫމް ބިނާކުރައްވާނެ ކަމަށެވެ. 

މަލްޓިޕާޕޯސް ހޯލަކީ ކިޔަވާ ދަރިވަރުންގެ އިތުރަށް ރަށުގެ ރައްޔިތުންނަށްވެސް ފައިދާ ކުރާނެ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ވިސްނުމުގައި ހާއްސަކޮށް ފަރުމާކުރެވިގެން، އޭސީ ހަރުކޮށްގެން މަލްޓިޕާޕޯސް ހޯލު ބިނާކުރުމުގެ  44 ހަތަރު މަޝްރޫއެއް މިހާރު ހިންގަމުން އަންނަ ކަމަށެވެ. 

އޭގެއިތުރުން، 19 ސައިންސް ލެބް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި 10 ރަށެއްގައި ލައިބްރަރީ އެޅުމުގެ މަޝްރޫޢު ވެސް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހަ ރަށެއްގެ ކޮމްޕިއުޓަރ ލެބް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

ސްޓާފްރޫމް ނެތް 24 ރަށެއްގައި ސްޓާފް ރޫމް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތެއް އެޅުމަށް އެ ސްކޫލްގެ އަހަރީ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް ރައީސް ޕޮޑްކާސްޓްގައި ވިދާޅުވިއެވެ. އޭގެ އިތުރަށް މާލޭގައި އޭލެވެލް ކިޔަވައިދިނުމަށް ދެވަނަ ސްކޫލެއް ގާއިމުކުރައްވާނެކަމަށާއި ހުޅުމާލޭގައި ހަދަމުންދާ ސްކޫލް މިއަހަރުގެ ނޮވެމްބަރު މަހަށް ނިމިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެއިތުރުން ހުޅުމާލޭގައި ދެ ސްކޫލް އަޅަން އިންޑިޔާގެ ލައިން އޮފް ކްރެޑިޓް ތެރޭގައި ހިމަނާފައިވާކަމަށާއި މި މަޝްރޫއަށް ޖުމްލަ 70 މިލިއަން ޑޮލަރު ހޭދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. 

އޭގެއިތުރުން ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ތާޖުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލްގެ ޖާގަ އިތުރުކުރެވިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ރައީސްވަނީ ފަށާ ތައުލީމާއި މަތީ ތައުލީމާ ގުޅުންހުރި ގިނަ މައުޟޫޢުތަކެއްގައި ވާހަކަދައްކަވާފަވައެވެ. އެގޮތުން ރައީސްވަނީ ކުރިއަށް އޮތް ތަނުގައި ފަށާ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އަދި ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަށް އަޅުއްވާނެ ބައެއް ފިޔަވަޅުތަކުގެ ތަފުސީލުވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު