ENGLISH
18 އޭޕްރީލު 2025
ޒަކާތު ފައިސާއިން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ބަހައިފި
10 އޭޕްރީލު 2025
|
ޣައްޒާގެ ރައްޔިތުން މަގެއްމަތީ -- ފޮޓޯ: އަލްޖަޒީރާ
ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި އާއިލާތަކަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ އެކްސް ގައި އެކަން ހިއްސާ ކުރައްވާފަ އެވެ. އަދި ބާކޯތަކެތި ބަހަން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވާފައިވެ އެވެ.
އެ ތަކެތި ބެހުން ހަވާލުކުރީ އިސްރާ އެސޯސިއޭޝަނާ އެވެ. އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެސޯސިއޭޝަނާއި އެ މަސައްކަތް ހަވާލުކުރެއްވީ ވީހާވެސް އަވަހަށް ކާބޯތަކެތި ފޯރުކޮށްދެއްވަަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެ ޖަމިއްޔާއިން އެ މަސައްކަތް ކުރުމަށް އިތުރު ފައިސާއެއް ނުނަގާތީ ކަމަށެވެ.
މިނިސްޓަރު ކުރީން ވެސް ވަނީ އެ ފައިސާ އަމާނާތްތެރިކަމާއެކު ޣައްޒާއަށް ފޯރުކޮށްދެވޭކަން ޔަޤީން ކުރައްވާނެ ކަމަށް ވިދާޅުވެފަައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ބަހާފައިވަނީ 12.4 މިލިއަން ރުފިޔާ އެވެ. އެއީ ފަގީރުންގެ ދަފްތަރުގައި ތިބި 2،765 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 4،500ރ. އެވެ. ގޮވާމުން ލިބުނު ޒަކާތް، މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދީފައިވެ އެވެ.
އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ސަރުކާރުން މި ފަހަރު ވަނީ ހުރިހާ ފަޤީރުންނަށް ވެސް އެއްވަރަކަށް ޒަކާތް ބަހާފަ އެވެ.
މީގެ ކުރިން، ޒަކާތް ބެހީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ތަނެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. އެގޮތަށް ހެދުމުން، ބައެއް ރަށްރަށުގައި ޒަކާތުގެ ގޮތުގައި ލިބެނީ މަދު މިންވަރެކެވެ. ބައެއް ރަށްރަށުގައި އިތުރަށް ވެސް ލިބެ އެވެ.