ENGLISH
18 އޭޕްރީލު 2025
އޯގަސްޓް ނިމުމުގެ ކުރީން ހުރިހާ ރައްޔިތުންގެ ގާތަށް ދާނަން: ރައީސް
10 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަހުވަދޫގައި -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާއި ބައްދަލުކުރައްވައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު ޕޮޑްކާސްޓް"ގެ ތިންވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ, ރައްޔިތުން މަޤާމަކަށް އިންތިޚާބު ކުރެއްވުމުން އެ ރައްޔިތުންނާ ދުރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރީން މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް މާލޭގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިޚާބު ގައި ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރަަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ދައުރުގައި ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ. ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ނިންމެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ގޮތުން މިހާރު ފަށާފައިވާ ދަތުރުފުޅުގައި އޮގަސްޓް މަސް ނިމުމުގެ ކުރީން ހުރިހާ ރަށަކަށް ދަތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ސަބަބުތަކާއި ގުޅިގެން މި މަހު އެއްވެސް ރަށަކަށް ދަތުރުނުކުރެއްވުނު ނަމަވެސް ކުރިއަށް އޮތް މެއި މަސް ފެށުމާާއެކު އަތޮޅުތަކަށް ދަތުރު ކުރައްވަން ފައްޓަވާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނީ މ. މުއްޔަށް ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނުގެ އެ ދަތުރުފުޅުގައި އެ ރަށުގައި ހަދާފައިވާ އެއާޕޯޓް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ އޭޕްރީލް 30 ވަނަ ދުވަހު އެއާޕޯޓް ހުޅުވަން ކަމަށާ ނަމަވެސް އެ ތާރީޚުގައި އެކަން ނުވެއްޖެނަމަ ޖެހިގެން އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެ ދުވަހު ފަށާ ދަތުރާއެކު އޮގަސްޓްގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
"މިހާރުގެ ޕްލޭން އަކީ އޮގަސްޓް މަހުގެ ތެރޭ ކޮންމެވެސް ހިސާބަކަށް ހުރިހާ ރަށަކަށް ގޮސް ނިންމަން. އެ ގޮތަށް ބަހާލާފައި މިހާރު ޝެޑިއުލް ވެސް ވާނީ ރާވާފައި," ރައީސް ވިދާޅުވި އެވެ.