ENGLISH

18 އޭޕްރީލު 2025

Advertisement

ކްލާސްރޫމްތަކުގެ އިތުރަށް ހޯލްތައްވެސް އޭސީ ކުރަން ނިންމައިފި

10 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ރައީސް ވާހަކަ ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ކްލާސްރޫމްތަކުގެ އިތުރަށް ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ގެންނަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދަރިވަރުންގެ ފަރާތުން އައި އެދުމަކީ، ދަރިވަރުން ކިޔަވާ ކްލާސްރޫމްތައް ހޫނުކަމުން، އޭސީކޮށްދިނުން ކަމަށެވެ. އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމެއް އޭސީ ކުރަން ނިންމެވި ކަމަށެވެ. 

އަދި އެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިޔަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ކްލާސްރޫމްތައް އޭސީކޮށް ނިންމުން ކަމަށެވެ.

ރައީސް ވިދާޅުވީ، ހޯލްތަކަކީ އާންމުކޮށް ދަރިވަރުންގެ ހަރަކާތްތައް ކުރިޔަށް ގެންދާ ތަނަކަށްވެފައި އެތަނަކީ އާާންމުކޮށް ރަށްރަށުގައި އެހެނިހެން ބައްދަލުވުންތަކާއި ޖަލްސާތައް ވެސް ބާއްވާ ތަނަކަށްވުމުން އޭސީ ކުރުން މުހިންމު ކަމަށެވެ. އެހެންކަމުން މިއަހަރު ތެރޭ ހޯލްތައް އޭސީކޮށް ނުނިންމުނުކަމުގައިވީ ނަމަވެސް އަވަސް މުއްދަތެއްގައި ހޯލްތައްވެސް އޭސީކޮށް ނިންމާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. 

"އޭގެތެރެޔަށް އެބަ އިތުރުކޮށްލަން މިހާރު ހޯލްތައްވެސް. ކުރިން އަޅުގަނޑު ވައުދުވީކަމެއް ނޫން. ކްލާސްރޫމްތައް ފިނިކުރަން ނިންމީ. އެކަމަކު ހޯލްތައް ވެސް ވަރަށް މުހިންމު. ހޯލްތަކުގައި ކުދިންގެ އެކިކަހަލަ އެކްޓިވިޓީސް އޮވޭ. އެއީ ވަރަށް މުހިންމު މަރުކަޒެއްް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު 800 އޭސީ ހަރުކޮށް ނިމިއްޖެކަމަށެވެ. އަދި އޭސީގެ ކަރަންޓަށް ބޭނުންވާ ހަކަަތަ އިޔާދަކުރެވެނިވި ސޯލާރ ޕަވަރ އިން ހަމަޖެހިގެންދާނެކަމަށެވެ.

ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފުތިތާހުކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މި ޕްރޮޖެކްޓް އެންމެ ފުރަތަމަ ފަށާފައި ވަނީ ކ. މާފުށީ ސްކޫލްގައެވެ.

ކިޔުންތެރިންގެ ހިޔާލު