ENGLISH

18 އޭޕްރީލު 2025

Advertisement

ފަށާ ތައުލީމުގެ ފެންވަރު ދަށްވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވަނީ ފެށިފައި: ރައީސް

10 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ސްނެޕްޝޮޓް

ރާއްޖޭގައި ފަށާ ތައުލީމުގެ މަރުހަލާގެ ނަތީ ދަށްވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންނާ ގާތުން އެކި މައްސަލަތަަކާއި، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް ގެނެސްދެއްވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ފަށާ ތައުލީމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފަށާ ތައުލީމުގެ މަރުހަލާ ނުވަތަ ގްރޭޑު އެކަކުން ފެށިގެން ހައެއް ހަތަކާ ހަމައަށް ދަރިވަރުން ފާސްވާ މިންވަރު ދަށްވެފައިވާ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކޮށް ދަރިވަރުން ފާސްވާ ނިސްބަތް މަތިކުރުމަށްޓަކައި، ދަރިވަރުންގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަކީ މި ސަރުކާރުން ވަރަަށް ބޮޑަށް އިސްކަންދީގެން ކުރާ ކަމެއް ކަމަށެވެ. 

ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާތަކަށް ބައްލަވާއިރު ދިވެއްސާއި ހިސާބު މާއްދާއިން ދަރިވަރުން ފާސްވާ މިންވަރު އަހަރުން އަހަރަށް ދަަށްވަމުންދާކަން ފާހަގަކުރެއްވޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ މާއްދާތަކުން ދަރިވަރުން ދަށްވުމަކީ އެހެނިހެން މާއްދާތަކުގައިވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. 

ފަށާ ތައުލީމުގެ މަރުހަލާގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށްގެން ނޫނީ މަތީ ތައުލީމުގެ މަރުހަަލާގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުނުކުރެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަރުހަލާގައި ދަރިވަރުންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެ މައްސަލަ ހައްލުކުރުމަށް ފެންވަރު ރަނގަޅު މުދައްރިސުން އުފެއްދުމާއި އެ މަރުހަލާގައި މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ލިބޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުން ފަދަ ކަންތައްތަކެއް ކުރަންޖެހިފައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. 

"ފަށާ ތައުލީމަށް ކުރީގައި އިސްކަން ނުދެވި އޮތް މައްސަލަ ހައްލުކުރަން ވަރަށް ބޮޑަށް އިސްކަންދޭން މިހާރު މިވަނީ ފެށިފަ. އޭގެ ނަތީޖާ އަދި ފެންނާނީ ދުވަސްކޮޅެއް ފަހުން، ކޮންމެ އަހަރަކުވެސް އެ ޕްރޮގްރެސް ފެންނާނެ. މި ދަށްވެގެންދިޔަ ދިއުން ނިމުމަކަށް ގެނައުން މި އަހަރުގެ އަމާޒަކަށްވާނީ" - ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 

ފަށާ ތައުލީމުގެ ފެންވަރު ދަށްވުމުގެ ސަބަބުން އޯލެވެލް އިމްތިހާނުގެ ނަތީޖާ ދަށްވެ، އޯލެވެލްގައި ފަސް މާއްދާއިން އަދި ތިން މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވި ނަމަވެސް ފާއިތުވި ތަނުގައި، ފަށާ ތައުލީމުގެ މަރުހަލާ ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވެއެވެ. 

ނަމަވެސް މި އަަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ކުރިއަށް އޮތް ތަނުގައި ފަށާ ތައުލީމުގެ މަރުހަލާ ފުރިހަމަކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ އަމާޒު ހާސިލުކުރުމަށް ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު