ENGLISH
26 އޭޕްރީލު 2025
އިއްޔެގެ ނިޔަލަށް ރާއްޖެއަށް 30 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި
10 އޭޕްރީލު 2025
|
މިދިޔަ ހުކުރު ދުވަހު މާލޭގައި ބަނދަރުކުރި ޕެސެންޖާ ލައިނެއް: ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފެށުނީ 1972 ވަނަ އަހަރު-- ފޮޓޯ/ އެމްއެމްޓީވީ
ރާއްޖޭގައި ޓޫރިޒަމް ފެށުނުތާ 53 އަހަރު ފަހުން، އިއްޔެގެ ނިޔަލަށް 30 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓު ގްރޫޕެެއް ޒިޔާރަތްކުރީ މީގެ 53 އަަހަރު ކުރިން، 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ގްރޫޕަކީ ރާއްޖެއަށް ޓޫރިޒަމް ވިޔަފާރި ތައާރަފު ކުރެއްވި އެއް ބާނީ ޖޯޖް ކޯބިން ރާއްޖެ ގެންނެވި އިޓަލީގެ ނޫސްވެރިންގެ ގްރޫޕެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ފެށުނު 1972 ވަނަ އަހަރު 1،097 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 29.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 687،916 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެހެންކަމުން ރާއްޖޭގައި ޓޫރިޒަމް ފެށުނުފަހުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 29.99 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިހާރު ދުވާލަކު އެވަރެޖްކޮށް ހަތް ހާހެއްހާ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާއިރު، 30 މިލިއަން ވަނަ ޓޫރިސްޓު ވާނީ އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.