ENGLISH

18 އޭޕްރީލު 2025

Advertisement

ޝަމްއާން ބަންދުކުރި އަމުރުގެ އިސްތިއުނާފީ މައްސަލަ ބަލަން ހައިކޯޓުން ނިންމައިފި

10 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު އިސްތިއުނާފްކޮށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށް ހައިކޯޓުން ނިންމި އެވެ.

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބިދޭސީއަކު ޝަމްއާނު އަންގަވައިގެން ދޫކޮށްލުމަށްފަހު، އެމީހާ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ޝަމްއާނާއެކު ތިން އޮފިސަރަކު މާޗު މަހުގެ  22 ވަނަ ދުވަހު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެ ހުކުމް އިސްތިއުނާފްކުރުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.  ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

 އެހެންވެ، އޭގެ ދެ ދުވަސް ފަހުން ޝަމްއާންގެ ފަރާތުން އެ ނިންމުން މުރާޖާ ކުރުމަށް ހުށަހެޅި އެވެ. އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ނިންމެވީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތަކުގައި ގާނޫނީ ބަހުސެއް އޮތުމުން ރެޖިސްޓްރާގެ ނިންމުން ބާތިލުކުރެއްވުމަށެވެ.

ޝަމްއާންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން އޭނާ އަނެއްކާވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އެ ކޯޓުން ވަނީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރުކުރުމުގެ ޒިންމާ އާއްމުކޮށް ކުރަމުންދާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ނަގުދު ފައިސާއާއެކު ގެންދިޔަ ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ޝަމްއާންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ޝަމްއާން، ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.އެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާއިރު އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު