ENGLISH
18 އޭޕްރީލު 2025
ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 27 މީހަކު ޖޫރިމަނާކޮށްފައިވޭ: ފުލުހުން
10 އޭޕްރީލު 2025
|
ފުލުހުން މަގުމަތި ބެލެހެއްޓުމުގައި- ފޮޓޯ: ދަ ޕްރެސް
ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 27 މީހަކު ޖުރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް، ވޭޕް ގެންގުޅެގެންނާއި، ވޭޕް ބޭނުން ކޮށްގެން ޖުމްލަ 27 މީހުން 123،000 (އެއް ލައްކަ 23 ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ވޭޕް ބޭނުންކުރުމުން ޖޫރިމަނާކުރި އަދަދަކީ 82،000 ރުފިޔާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ވޭޕް ގެންގުޅެގެން ޖޫރިމަނާ ކުރި އަދަދަކީ 41،000 ރުފިޔާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ވޭޕް، ސިނގިރޭޓް އަދި ދުންފަތާއި ގުޅުން ހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރި ކުރި ހަ މައްސަލައެއް ވެސް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މަނާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ.
ވޭޕްއަށް ބޭނުންވާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.