ENGLISH

18 އޭޕްރީލު 2025

Advertisement

އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ޔޫއޭއީއާއި އިންޑިޔާއިން

10 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އާގުބޯޓެއްގައި މުދާ އުފުލަނީ، ފޮޓޯ: ފައިލް

މި އަހަރުގެ ފުރަތަަމަަ ދެ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އެކުވެރި ޢަރަބި އިމާރާތާއި އިންޑިޔާއިންކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ދެ މަސްދުވަހު ރާއްޖެއަށް 619.2 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރިއެވެ. ނިމުނު އަހަރުގެ އެ މުއްދަަތުގައި އެތެރެކުރި 612.2 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު އެއީ 2.1 އިންސައްތަ އިތުރު އަދަދެކެވެ. 

މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ތިން ގައުމުން މުދާ އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން އެންމެ ގިނަަ މުދާ އެ ގައުމަކުން އެތެރެކުރާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މި އަހަރުގެ ފުރަތަމަ ދެ މަހު 152.3 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 55.0 އިންސައްތަ އިތުރު މިންވަރެކެވެ. 

ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވނީ އިންޑިޔާއިންނެވެ. އެ ގައުމުން މި އަހަރު  116.3 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު އެއީ ނިމުނު އަހަރު އެ ގައުމުން އިމްޕޯޓުކުރި 84.8 މިލިއަން ޑޮލަރުގެ މުދަލަށްވުރެ 37.2 އިންސައްތަ އިތުރު އަދަދެކެވެ. 

ޗަައިނާއން މި އަހަރު 107.0 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު އެއީ ނިމުނު އަހަރު އެ ގައުމުން އެތެރެކުރި 79.2 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 35.1 އިންސައްތަ އިތުރު އަދަދެކެވެ.

ނަމަވެސް މި އަހަރު ސިންގަޕޫރުން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ނިމުނު އަހަރަށްވުރެ މަދެވެ. އެގޮތުން ނިމުނު އަހަރު 61.8 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން ރާއްޖެއަށް އެތެރެކުރިއިރު މި އަހަރު އެ ގައުމުން އެތެރެކުރީ 43.8 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ ނިމުނު އަހަރަށްވުރެ 29.1 އިންސައްތަ މަދު އަދަދެކެވެ. 

ސަރުކާރުން އަންނަނީ އެކި ގައުމުތަކާއެކު ވިޔަފާރިކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެފަދަަ އިންތިޒާމެއް ޗައިނާއާއެކު ހަމަޖެއްސުމަށްވެސް ސަރުކަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

އޭގެ އިތުރަށް ތުރުކީއާއެކު ވިޔަފާރީގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދިނުމާ ގުޅޭ އެއްބަސްވުމެއް ގާއިމުކޮށް، ދިވެހި އުފެއްދުންތައް އެ ގައުމަށް ބޭރުކުރުމާއި އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ އެއްބަސްވުމެއް ދެ ގައުމުގެ މެދުގައި މި ސަރުކާރުން ގާއިމުކޮށްފައިވެއެވެ. 

އިތުރު ގައުމުތަކާއެކު، ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށް، ދިވެހިންނަށް އެކި ގައުމުތަކާއެކު ވިޔަފާރިކުރުމަށް ފަހިވާނެ މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުން އިގުތިސާދު ސިންދަފާތުކޮށް ވިޔަފާރީގެ ހަރަކާތް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ އެއް ސިޔާސަތެވެ. 

ކިޔުންތެރިންގެ ހިޔާލު