ENGLISH
18 އޭޕްރީލު 2025
މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރަން ފެށުން؛ މަސް ބޭރުކުރާ މިންވަރު %35.1 އިތުރު
10 އޭޕްރީލު 2025
|
މަސްވެރިޔަކު މަސް އޮޑިއަށް އަރުވަނީ، ފޮޓޯ: ފައިލް
ފާއިތުވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރާ މިންވަރު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދަައްކަައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަަލާއިރު ނިމުނު އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއިން އެކްސްޕޯޓުކުރީ 10،526.7 މެޓްރިކް ޓަނެވެ. މި އަހަރުގެ ފުރަތަމަ ދެ މަހު 14،222.6 މެޓްރިކްޓަނުގެ މަސް އަދި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރިއެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 35.1 އިންސައްތައިގެ އިތުރުވުމެކެވެ.
ތާޒާ ނުވަތަ ފިނިކުރި މަހުގެ ބާވަތްތައް ބޭރުކުރި މިންވަރަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ދެ މަހުގައި 12،971 މެޓްރިކްޓަަނުގެ މަސް ބޭރުކުރިއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި 8،903.9 މެޓްރިކްޓަނުގެ މަހަށްވުރެ 45.7 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރު އެންމެ ބޮޑަށް އިތުރުވީ ކަޅުބިލަމަސް ބޭރުކުރި މިންވަރެވެ. އެގޮތުން ނިމުނު އަހަރު 6،466 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއިރު މި އަހަރު 10،402.9 މެޓްރިކްޓަނުގެ ކަޅުބިލަމަސް ބޭރުކުރިއެވެ. މި އަހަރު 2،468،2 މެޓްރިކްޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވާއިރު އެހެނިހެން ބާވަތްތަކުގެ ކަންނެލީގެ 100 މެޓްރިކްޓަނު ބޭރުކޮށްފައިވެއެވެ.
މަސް ބޭރުކުރި މިންވަރުގެ އިތުރަށް މަސް ގަންނަ ކުންފުނިތަކުން މަސްވެރިން އަތުން މަސް ގަތް މިންވަރުވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަަމަ ދެ މަހު 17،462.9 މެޓްރިކްޓަނުގެ މަސް ކުންފުނިތަކުން ގަނެފައިވާއިރު މި އަހަރު 18،774.4 މެޓްރިކްޓަނުގެ މަސް ކުންފުނިތަކުން ގަނެފައިވެއެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 7.5 އިންސައްތަ އިތުރު އަދަދެކެވެ.
އަދި މި އަހަރު ކަޅުބިލަމަސް ކިރުވި މިންވަރު 4.6 އިންސައްތަ އިތުރުވިއިރު، ނިމުނު އަހަަރަށްވުރެ 26.7 އިންސައްތަ އިތުރަށް ރީނދޫ އުރަހަ ކަންނެލި ކިރުވާފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ދެ މަހުގައި 16.7 މިލިއަން ޑޮލަރުގެ ތާޒާ އަދި ގަޑުކުރި ކަނޑު މަސް ބޭރުކުރިއިރު ޖުމްލަ 21.9 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކޮށްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 10.9 އިންސައްތަ އިތުރު އަދަަދެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރު ވަރަށް ބޮޑަށް ދަށްވުމަށްފަހު މި އަހަރު އިތުރުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް މިފްކޯއިން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށީ ފާއިތުވި ޑިސެންބަރު މަހުއެވެ.
މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މަސް ކިރުވުމަށްފަހު 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުމާއެކު މަހަށް ނުކުންނަ އޮޑިފަހަރުވެސް ގިނަވެ، މަސް ކިރުވާ މިންވަރުވެސް ކުރިއަށްވުރެ އިތުރުވިއެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރައީސްގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން މަަސް ރައްކާކުރާ މިންވަރާއި މަސް ޕްރޮސެސްކޮށް ބަންދުކުރާ މިންވަރު އިތުރުކުރުމުގެ މަަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.
އެގޮތުން މިފްކޯގެ އުމްރާނީ ވަސީލަތް އިތުރުކުރުމަށް ފަށާފައިވާ މަޝްރޫއު ނިމޭއިރު މިހާރަށްވުރެ އެތައް ގުނައެއް އިތުރަށް މަސް ރައްކާކޮށް، ދަޅުގައި އަދި ޕައުޗުގައި މަސް ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.