ENGLISH

18 އޭޕްރީލު 2025

Advertisement

ގާފަރު ބޭރުގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފި

09 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ކ.ގާފަރު ބޭރުގައި އެޅި ކަނދުފަތި--ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ގިނަ ޒަމާންތަކަކަށްފަހު ކ. ގާފަރު ބޭރުުން ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ގާއިމުކޮށްފައިވާ ކަމަށެވެ. މިއަދު އެޅި ކަނދުފަތީގެ ނަންބަރަކީ G10D01 އެވެ. ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅާފައި މިވަނީ އެ ރަށު ބޭރުގައި އޮތް ކަނދުފަތި ކަނޑައިގެން ދިޔަތާ އަހަރުތަކެއް ފަހުންނެވެ. އެެއީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ގާއިމުކުރި ކަނދުފައްޗެކެވެ. އޭރު ކަނދުފަތި އެޅީ ގާފަރު އިރުން 17 މޭލު ބޭރުގަ އެވެ.

ކ.ގާފަރު ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން. --ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ގާފަރު ކަނދުފައްޗާއެކު، މިހާރު މާލެ އަތޮޅުގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތީގެ އަދަދަކީ ހަތަރެކެވެ. އެއީ، ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އޮންނަ ކަނދުފައްޗާއި، މާފުށީގެ އިރު ދެކުނުން 12.6 މޭލު ބޭރުގައި އޮންނަ ކަނދުފައްޗާއި، ހުރާ އިރު ދެކުނުން 17 މޭލު ބޭރުގައި އޮންނަ ކަނދުފައްޗެވެ.

ކ.ގާފަރު ބޭރުގައި ކަނދުފަތި އެޅި ސަރަހައްދު--ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ދޮށީގެ މަސްވެރިކަމުގެ ކަނދުފަތީގެ އިތުރުން ކ. އަތޮޅުގައި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ތިން ކަނދުފައްޗެއް އޮވެއެވެ. އެއީ ކ. ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗެވެ.

ފިޝަރީސް މިނިސްޓްރީން ދަނީ ދޮށީގެ މަސްވެރިކަމުގެ އިތުރުން ސްޕޯޓްސް ފިޝިންއަށް ވެސް ޚާއްސަ ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު