ENGLISH
12 ޖުލައި 2025
މާލޭގެ ބޭރު މަގު ފެރީ ޓާމިނަލުން މާރުކޭޓާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅަން ހަވާލުކޮށްފި
09 އޭޕްރީލު 2025
|
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އިމާރާތްކުރުމާބެހޭ މިނިސްޓްރީ
މާލޭގެ ޢިއްޒުއްދިން ފާލަން ހިމެނޭ ބޭރު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ހަތަރު ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީއާ) ހަވާލުކޮށްފިއެވެ.
ދައުލަތުގެ ބަޖެޓުން 144.5 މިލިޔަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ މި މަޝްރޫއު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 455 ދުވަަހުން މަސައްކަތްނިންމާ ގޮތަށެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑު ހަރުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އިމާރާތްކުރުމާބެހޭ މިނިސްޓްރީ
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ މަޝްރޫއަކީ މާލޭ ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ލޯކަލް މާރުކޭޓާ ހަމައަށްކަމަށެވެ. ބޮޑު ތަކުރުފާނު މަގުގެ އެ ސަރަހައްދަކީ ބާރު ބޮޑު ސަރަހެއްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރެވިގެން، މަސައްކަތް ކުރިޔަށްދާއިރު ރައްޔިތުންނަށް ދަތިނުވާގޮތަކަށް ރޭވިގެންކަމަށެވެ.
"މަގު ތަރައްގީ ކުރާނީ އެސަރަހައްދުގެ ޓްރެފިކަށްވެސް ދަނި ނުވާ ގޮތަށް. މިކަމާ ގުޅޭގޮތުން ކޮންޓްރެކްޓަރ، ފުލުހުން، މާލެސިޓީ ކައުންސިލް އަދި ކަމާ ބެހޭ އިތުރު ފަރާތްތަކާއެކު މަޝްވަރާ ކުރެވިގެންދާނެ" ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ކޮންޓްރެކްޓަރގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ޕްރޮޖެކްޓްގެ މުއްދަތުގެ ކުރިން މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުންކަމުގައެވެ.
ރަސްމީ ފާލަން ހުޅުވުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ. ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއްޒުއްދިން ފާލަން ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށާއި، އެ ސަރަޙައްދު ތަރައްޤީކުރާނީ މޫދުން ބައެއް ހިމެނޭހެން މަގު ފުޅާކުރުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭއެހީގަ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ނިިމިފައެވެ. މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން އެމްޓީސީސީ ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައި ވަނީވެސް ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ.