ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ހިޔާ ފްލެޓް 2 ގައި ހަރުކުރި އާ ދެ ލިފްޓް އިފްތިތާހުކޮށްފި

09 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ފްލެޓް 2 ގައި އަލަށް ބަހައްޓާފައިވާ ދެ ލިފްޓު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ސަރުކާރުން ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވަމުންދާ އަރައިފޭބުމުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުގެ ބައެކެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރެއްގައި 32 ލިފްޓު ހަރުކުރެވޭނެއެވެ.

މިއީ 16 ފަސިންޖަރުންގެ ޖާގަ ހުރި ލިފްޓުތަކެކެވެ. އަދި މެޑިކަލް އެމަޖެންސީއެއްގެ ޙާލަތުގައި ސްޓްރެޗަރ އެރުވޭ ވަރުގެ ޖާގަ ހުރި ލިފްޓުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވަރަށް ޚާއްސަ ސިފަތަކެއް ހުރި ލިފްޓުތަކެއް ކަމަށެވެ. އެގޮތުން، ލިފްޓުތަކުގެ ދުވެލި މިނެޓަކު ދެ މީޓަރުގެ ސްޕީޑެއްގައި ދަތުރުކުރެވޭނެކަމަށް މައުލޫމާތު ދިނެވެ.

ހަމައެއާއެކު، ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެގޮތަށް ލިފްޓުގެ ނަންބަރުތައް އެންގްރޭވްކޮށްފައި ހުންނާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، އެޗްޑީސީގެ ޕްލޭންގައިވާ ގޮތުން، މި ލިފްޓުތައް މޭ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޢާންމު ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާނެ ކަމަށެވެ. 

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަން ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަޝްރޫޢު ފުރިހަމަވުމުން، ޚާއްޞަކޮށް ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

އެޗްޑީސީގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި އިތުރު ޓަވަރުތަކުގައި ވެސް އައު ލިފްޓުތައް ހަރުކުރެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢު ނިމުމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު