ENGLISH
12 ޖުލައި 2025
ބިދޭސީންގެ ފީގެ ގޮތުގައި ނުދައްކާހުރި ފައިސާއިން 1.6 ބިލިއަން ރުފިޔާ ހޯދައިފި
09 އޭޕްރީލު 2025
|
މާލޭގެ މަގުތަކުގައި ތިބި ބައެއް ބިދޭސީން، ފޮޓޯ: ސަން އޮންލައިން
ބިދޭސީންނާ ގުޅުންހުރި ފީތަކުގެ ގޮތުގައި ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ މި ސަރުކާރުން ކުރި މަސައްކަތުން ހޯދާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފީތައް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން ފީ ދައްކާ މިންވަރު 32 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
މަޖީދު ފާހަގަކުރެއްވި ގޮތުގައި ވެރިކަން ބަދަލުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބިދޭސީ މަސައްކަަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ ނުދައްކައި ހުއްޓެވެ.
ފީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގަވާއިދުން ފީ ނުދައްކާ 1،000 އަށްވުރެ ގިނަ މީހުންގެ ނަން އާއްމުކުރުމާއި، ގިނަ އަދަދެއްގެ ފީ ނުދައްކާ ހުރި ފަރާތްތަކަށް ފީ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދިނުން ހިމެނެއެވެ.
މަޖީދު ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވިއިރު ގަވާއިދުން ފީ ދައްކަމުން އައީ 22.72 އިންސައްތަ ފަރާތުންނެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު މިހާރު 55.4 އިންސައްތަ މީހުން ފީ ދައްކަމުންދާކަމަށްވެސް އޭނާަ ވިދާޅުވިއެވެ.
"ރިކަވާ ކުރެވިފައި އޮތް އިންސައްތައިގެ 99 އިންސައްތަ މި ސަރުކާރުގެ ތެރެއިންނޭ މި އޮތީ ހޯދިފައި. މާނައަކީ 1.6 ބިލިއަން ރުފިޔާ މި ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ. އެހެން ނަމަވެސް މި ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 900 އެތައް މިލިއަން ރުފިޔާ އަދި ވެސް އެބަހުރި،" އޭނާ ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވެ، ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކާއެކު ނިމުނު އަހަރު ބިދޭސީންގެ ކޯޓާއާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.