ENGLISH
12 ޖުލައި 2025
ތަފާސްހިސާބުތަކުން؛ އިގުތިސާދު ދަނީ ކުރިއަރަމުން، 2024 ގަައި ޖީޑީޕީއަށް %5.1 ގެ އިތުރުވުމެއް
09 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފާއިތުވި އަހަރު ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 5.1 އިންސައްތައިން ކުރިއަރައި 101 މިލިއަން ރުފިޔާއިން މއްޗަށް އަހަރީ ޖީޑީޕީ މަތިވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނިޔަލަށް އަހަރީ ހަގީީގީ ޖީޑީޕީ 101،837 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4،973 މިލިއަން (4.9 ބިލިއަން) ރުފިޔާގެ އިތުރުވުމެކެވެ. އެހެންކަމުން 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 5.1 އިންސައްތައިން އިތުރުވިއެވެ.
ފާއިތުވި އަހަރުގެ ވަކި ކުއާޓާތަކަށް ބަލާއިރު ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި %6.5 އިން ޖީޑީޕީ ކުރިއެރިއެވެ. އަދި ޖެހިގެންއައި ދެވަނަ ކުއާޓާގައި އޭގެ ކުރީ ކުއާޓާއަށްވުރެ 13.4 އިންސައްތަ ޖީޑީޕީ ދަށްވުމަށްފަހު ޖެހިގެންއަައި ތިންވަނަ ކުއާޓާގައި %5.2 އިން ޖީޑީޕީ ކުރިއެރިއެވެ. އަދި ފަހު ކުއާޓާގައި %6.0 އިން ޖީޑީޕީ ކުރިއަރާފައިވެއެވެ.
ފާއިތުވި އަހަރުގެ ކުއާޓާތައް ކުރީ އަހަރުގެ ކުއާޓާތަކާ އަޅާބަލާއިރު، 2024 ގެ ފުރަތަމަ ކުއާޓާގައި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ %6.5 އިތުރުވިއިރު، ދެވަނަ ކުއާޓާއަށް ބަލާއިރު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި 2023 ވަނަ އަހަރަށްވުރެ 3.4 އިންސައްތަ އިތުރަށް ޖީޑީޕީ ކުރިއެރިކަން އެނގެއެވެ. ކުރީ އަހަރުގެ ތިންވަނަ ކުއާޓާއަށްވުރެ 2024 ގެ ތިންވަނަ ކުއާޓާގައި 6.6 އިންސައްތައިން ޖީޑީޕީ ކުރިއަރާފަައިވާއިރު ހަތަރުވަނަ ކުއާޓާގައި ކުރީ އަހަރަށްވުރެ 3.0 އިންސައްތަ އިތުރަށް ކުރިއަރާފަައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރުގެ ހަތަރުވަނަ ކުއާޓާގައި އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 6.6 އިންސައްތައިން ގައުމީ އުފެއްދުންތެރިކަން އިތުރުވިއިރު، ގައުމީ އުފެއްދުންތެރިކަމުގައި އެންމެ ބޮޑު ހިއްސާއެއްކުރީ ފަތުރުވެރިކަމެވެ. އެގޮތުން އެ ކުއާޓާގައި ޖީޑީޕީގެ 22.2 އިންސައްތަ ހިއްސާކުރީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ޖީޑީޕީގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ދަތުރުފަތުރާއި މުވާސަަލާތީ ދާއިރާއެވެ. އެއީ 13.2 އިންސައްތައިގެ ހިއްސާއެކެވެ. ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ ހިއްސާއަކީ 9.3 އިންސައްތައެވެ.
އޭގެ ކުރީ ކުއާޓާއާ އަޅަބަލާއިރު ފަތުރުވެރިކަމުން އިގުތިސާދަށް ނިމުނު ހަތަރުވަނަ ކުއާޓާގަައި 5.8 ބިލިއަން ރުފިޔާ ހިއްސާކުރިއެވެ. އެއީ 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ އިތުރުވުމެކެވެ. 2024 ގެ ފަހު ކުއާޓާގަައި ޓޫރިސްޓް ބެޑް-ނައިޓްސް 205،808 އަށް އިތުރުވިއެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން އަހަރުގެ ފަހު ކުއާޓާގައި ގަައުމީ އުފެއްދުންތެރިކަމަށް 2.4 ބިލިއަން ރުފިޔާ ހިއްސާކުރިއެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަަތުގައި މި ދާއިރާއިން ހިއްސާކުރި މިންވަރަށްވުރެ 3.2 އިންސައްތަ އިތުރު އަދަދެކެވެ.
ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން 3.4 ބިލިއަން ރުފިޔާ ގައުމީ އުފެއްދުންތެރިކަމަށް ހިއްސާކޮށްފައިވާއިރު، އެއީ އޭގެ ކުރީ އަހަރު އެ ދާއިރާއިން ގައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރި މިންވަރަށްވުރެ 7.1 އިންސައްތަ އިތުރު އަދަދެކެވެ.
މިހާތަނަށް ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ މަހުގެ އިގުތިސާދީ ހިސާބުތަކެވެ. އެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖަނަވަރީ މަހަށްވުރެ މި އަހަރުގެ ޖަނަވަރީ މަހު ގައުމީ އުފެއްދުންތެރިކަން 7.4 އިންސައްތަ އިތުރުވިއެވެ. އެ އިތުރުވުމުން ފެނިގެންދިޔައީ 2024 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން މި އަހަރުގެ ޖަނަަވަރީއާ ދެމެދުގައި އިގުތިސާދު ފުޅާވެފައިވާ ކަމެވެ.
އޭގެ އިތުރަށް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު 2025ގެ ޖަނަވަރީގައި ގައުމީ އުފެއްދުންތެރިކަން 7 އިންސައްތައިން އިތުރުވިކަން ތަފާސްހިސާބުތަކުން ދައްކައެވެ.