ENGLISH
10 މޭ 2025
ދައުރު ނިމުމުގެ ކުރިން ލިވަޕޫލު އެކަޑަމީ ގާއިމުކުރަން މަޝްވަރާކޮށްފި
08 އޭޕްރީލު 2025
|
ލިވަރޕޫލްގެ ޓްރެއިނިން ފެސިލިޓީއެއް--ފޮޓޯ:އެލްއެފްސީ
އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބު ލިވަރޕޫލް ފުޓްބޯލް ކުލަބުގެ އެކަޑެމީއެއް، ދިވެހި ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް 2028 ގެ ކުރިން ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، އެމްއެމްޕީއާރުސީން ލިވަރޕޫލްއާ އެކު ވެވުނު އެއްބަސްވުން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަރިހުގައި އިނގިރޭސިވިލާތަށް ވަޑައިގެން މިނިސްޓަރ ރާފިޢުވަނީ ލިވަރޕޫލް އެފްސީގެ އިސްފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިޢު، ލިވަޕޫލްގެ ދަނޑުގައި--ފޮޓޯ:ރައީސް އޮފީސް
މިދަތުރުގެ ކާމީޔާބީތަކާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ރާފިޢު ވިދާޅުވީ، ލިވަރޕޫލްގެ އިންޓަރނޭޝަނަލް އެކަޑަމީގެ އިސްފަރާތްތަކުން ދިވެހިރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމަށް ހުށަހެޅި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެކަމަށެވެ. އެގޮތުން ރާއްޖޭގައި ލިވަރޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމަށް ބޭނުންވާ މިނިމަމް ރިކުއަމެންޓްތައް އޮޅުންފިލުވާ، މިހާރު ރާއްޖޭގައި ހުރި ވަސީލަތްތަކުގެ މައުލޫމާތު ވެސް ލިވަޕޫލްގެ އިސްފަރާތްތަކާ ހިއްސާ ކުރައްވާފައިވާ ކަމަށް މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ. އަދި މިހާރު ވެސް މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރަމުންދާކަމަށާއި، އެކަޑެމީގެ ހިދުމަތް ކުރިޔަށް އޮތް ތިން އަހަރުތެރޭ ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ލިވަރޕޫލްގެ މި ހުށަހެޅުމާ ގުޅިގެން އަޅުގަނޑުމެން ސުވާލުކުރިން އެކަޑެމީ އެޅުމަށް ކުރަން ޖެހޭ މަސައްކަތް ތަކާބެހޭގޮތުން. މިކަމަށް ބޭނުންވާ މިނިމަމް ރިކުއަމެންޓަކީ ކޮބައިތޯ؟ އަދި އަޅުގަނޑުމެންގެ އަތުގަ މިހާރު ހުރި ވަސީލަތްތަކާއެކު މިކަން ކުރެވިދާނެތޯ؟ ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިދައުރު ނިމުމުގެ ކުރިން، މިކަން ހާސިލްވެގެންދާނެ،" އެކަޑެމީއެއް ގާއިމްކުރަން ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރުވެސް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކުރަށްވަމުން މިނިސްޓަރ ވިދާޅުވީ، މިކަން ފެށުމަށް ލިވަރޕޫލްގެ ޚާއްސަ ކޯޗެއް ރާއްޖެ އައިސް، އެކަޑެމީއަށް ބޭނުންވާ ދިވެހި ކޯޗުން ތަމްރީނު ކުރަަން ހަމަޖެހިފައިވާ ކަމުގައެވެ. އަދި މިކަމުގައި ބައިވެރިވުމަށް ކޮންމެހެން ވަކި ކޯޗިން ލައިސެންސެއް އޮތުމަކީ މަޖުބޫރުކަމެއް ނޫންކަމުގައިވެސް މިނިސްޓަރ ރާފިޢު ފާހަގަ ކުރެއްވިއެވެ.
އަވަސް މުސްތަގުބަލެއްގައި، މި ދަތުރުގައި އެއްބަސްވެވުނު ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރ ދެއްވާފައިވެއެވެ. އެމްއެމްޕީއާރުސީއާ ލިވަޕޫލް އެޕްސީ އާ މިވެވުނު އެއްބަސްވުމުގެ ސަބަބުން، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެ ކުލަބުގެ ޓެކްނިކަލް އެހީތެރިކަން ވެސް ދިވެހި ފުޓްބޯޅައަށް ލިބިގެންދާނެއެވެ.