ENGLISH
17 އޭޕްރީލު 2025
ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރަން ނާޒިމްގެ ހުށަހެޅުއްވުމެއް
08 އޭޕްރީލު 2025
|
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ ނާޒިމް މިގޮތަށް ވިދާޅުވީ މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. އެއީ ޕެންޝަނާ ގުޅޭ ގޮތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތަފުސީލު ހިމަނައިގެން ޕެންޝަން އޮފީހުން ތައްޔާރުކޮށް މާލިއްޔަތު ކޮމިޓީއަށް ފޮނުވި ކަރުދާހަކާ ގުޅޭ ގޮތުން މިއަދު ކޮމިޓީގައި މަޝްވަރާކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މިހާރު އެއީ ސަރުކާރުން ވަކިވަކިން އިސްލާހު ހުށަހަޅަންދެން މަޑުކުރުމުގެ ބަދަލުގައި މަޖިލީހުން އަމިއްލައަށް އިސްނަގައިގެން ދިރާސާކުރަންޖެހޭ މައްސަލައެކެވެ.
"ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު 2007 ވަނަ އަހަރު އުފަންވެފައި އޭގެން މި މުސްކުޅި ކުރުމާ ބެހޭ ރާއްޖޭގެ މަސައްކަތު މީހުންގެ މާހައުލަށް ތައާރަފްކުރީމާ ދެން އައި ގާނޫނުތަކުން އޮތީ އެ ކޮންސެޕްޓުކޮޕީ ކޮށްފަ. އޭގެތެރޭގައި ކަރެކްޝަންސް، ޖުޑިޝަރީ، މި ހުރިހާ ކަންތައްތަކެއް ހުރީ މިހެންް." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ޕެންޝަން ނިޒާމަކީ މިހާރު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދެވޭ ނިޒާމެއް ނޫން ކަމަށާއި ދިގު މުއްދަތަކަށް މިގޮތުގައި ކުރިއަށް ނުދެވޭނެ ކަމަށެވެ.
" 2011 ވަނަ އަހަރު ޕެންޝަން އޮފީހުން ޕެންޝަން ދެން ފެށިފަހުން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް 17 އިދާރާއަކުން 2.96 ބިލިއަން ރުފިޔާ ޕެންޝަންގެ ޕޭމަންޓުގެ ގޮތުގައި ޚަރަދުކޮށްފައިވާ ކަމަށް. އެހެންމަ ރާއްޖޭގައި ވެސް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތްވެސް މިދަނީ އިތުރުވަމުން" ޕެންޝަން ނިޒާމު ބަދަލުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
އެ ނިޒާމުގެ ކަންކަން އިސްލާހުނުކުރެއްވިއްޖެ ނަމަ، ނާޒިމް ގަބޫލުކުރައްވާ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން އަދި ޕެންޝަން ފައިސާއިން ޕެންޝަން ޖަމާނުކުރެވިދާނެ ދުވަހެއް އައުން ގާތެވެ.
ކޮމިޓީ ބައްދަލުވުން ނިންމާލީ، އެ މައްސަލަ ހައްލުކުރުމަށް މެމްބަރުންގެ މެދުގައި އިތުރަށް މަޝްވަރާކުރެއްވުމަށްފަހު އެވެ.
ޑަބަލް ޕެންޝަނަކީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާއިން ރިޓަޔާކުރުމުން ދޭ ޕެންޝަނުގެ އިތުރަށް، އެހެން ގާނޫނެއްގެ ދަށުން ވަކިވަކި އިދާރާތަކުން އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޓަޔާކުރުމުން ދޭ ފައިސާއެވެ. މިފަދަައިން ފައިސާ ދޭއިރު ރިޓަޔާކުރުމުން ޕެކޭޖެއްގެ ގޮތުގައި އެއްފަހަަރާ ގިނަ އަދަދެއްގެ ފައިސާ ދިނުމާއެކު، މަހުން މަހަށް ރިޓަޔަމެންޓު ޕެންޝަނުގެ ގޮތުގައި ފައިސާ ދެމުންދެއެވެ.
މިފަދައިން އިދާރާއިން ދޭ ހާއްސަ ޕެންޝަން ލިބޭ މުވައްޒަަފުންނަށް ޕެންޝަން ފަންޑުންވެސް ފައިސާ ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ޕެންޝަނަށް ދައުލަތުން ކުރާ ހަރަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު މިގޮތަށް ދައުލަތުގެ 13 އިދާރާއަކުން ޑަބަލް ޕެންޝަން ދެމުންދެއެވެ.
ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޕެންޝަން ނިޒާމަކީ ދެމެހެއްޓެނެވި ނިޒާމަކަށް ހެދުމަށްޓަކައި ޑަބަލް ޕެންޝަން އުވައިލާ، އެންމެނަށް އެއްހަމައަކުން ޕެންޝަން ލިބޭނެ ގޮތަށް ނިޒާމު ހަމަޖައްސަންޖެހެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު ޕެންޝަން ނިޒާމަކީ ދެމެހެއްޓެނެވި ނިޒާމަކަށް ބަދަލުކުރުމުގެ މުހިއްމުކަން ވޯލްޑް ބޭންކުންވަނީ ފާހަގަކޮށްފައެވެ.