ENGLISH

17 އޭޕްރީލު 2025

Advertisement

އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ނިމޭއިރު ލިންކް ރޯޑުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ: ވަޒީރު މުއްޠަލިބު

08 އޭޕްރީލު 2025

|

ޢަލީ ޝަހީމް

އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކުރި މަޝްރޫޢު ނިމޭއިރު، އައްޑޫގެ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

އައްޑޫގެ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެން ހިންދާ ނިޒާމު އަދާހަމަކޮށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 1440 ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް ސަރުކާރުން 829.7 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާތަނަށް އެ ސިޓީގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށެވެ. 

"ޖުމްލަކޮށް ދަންނަވާނަމަ މިއީ 87 ކިލޯމީޓަރު މަގު ހެދުމުގެ މަޝްރޫޢުއެއް މި މަޝްރޫއަކީ. މިހާތަނަށް އައްޑޫގަ ހިންގޭ މަގުހެދުމުގެ އެންމެ ބޮޑު އެއް މަޝްރޫޢު މި މަޝްރޫއަކީ. މިހާރު އިންޑިއާގެ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫޢުއާ އެއްކޮށް ބަލާކަމުގަ ވާނަމަ ހަމަ އެ ސައިޒުގަ ކުރިއަށްގެންދެވޭ ބޮޑު މަޝްރޫއެއް. މި މަޝްރޫޢު ނިމިގެންދާއިރު މިދެންނެވި ގޮތަށް އައްޑޫއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައިވާ މައްސަލައަށް އަޅުގަނޑުމެންނަށް ދާއިމީ ހައްލެއް ގެނެވޭނެ" - ވަޒީރު ޢަބްދުﷲ މުއްޠަލިބު

މި މަޝްރޫއުގެ ދަށުން ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފަައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެއެވެ. އަދި ސ. ފޭދުގައި ފެން ހިންދުމުގެ ނިޒާމު ވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. 

ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، ސީޓީބީ މަގުތަކުގައި ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދާނެއެވެ. އަދި މަގުތަކުގައި ދުވާރުތައް ތަރައްގީކޮށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެއެވެ. 

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ލިންކް ރޯޑް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ލިންކު ރޯޑުގެ ޖުމްލަ 12.3 ކިލޯމީޓަރު ސަރަހައްދުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

"އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މަޝްރޫޢު ނިންމައި އައްޑޫގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުން " - ވަޒީރު ޢަބްދުﷲ މުއްޠަލިބު

މިހާރު ކުރިއަށްދާ މަޝްރޫޢުގެ މަގުހެދުމުގެ ބައި ގާތްގަނޑަކަށް ނިމިފައިވާކަމަށާއި، ބާކީ ހުރި މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު