ENGLISH
17 އޭޕްރީލު 2025
ރައީސްގެ ޕޯލް ނިމިއްޖެ؛ ގިނަ މީހުން ތާއީދުކުރީ 25 އަހަރުން ދަށުގެ އެންމެންނަށް ދުންފަތް މަނާކުރަން
08 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓް ބައްދަލްވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
ދުންފަތުގެ ބާވަތްތައް އެކީ މަނާކުރަންވީ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވާލެއްވެވި ޚާއްސަ ޕޯލްގައި ވޯޓް ދިން މީހުންގެ އަޣުލަބިއްޔަތު، ޖަނަވަރީ 1، 2000 ފެށިގެން ދުންފަތް މަނާކުރަން ފެންނަ ކަމަށް ނިންމައިފި އެވެ.
ރައީސްގެ އެ ޕޯލް ހުޅުވައިލެއްވީ ސޯޝަލް މީޑިއާގަ އެވެ. އެ ޕޯލްގައި ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ އުމުރެއް ތަންފީޒކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިވެހި ޒުވާން ޖީލާއި އަންނަން އޮތް ޖީލުތަކުގެ ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ކަމުން އެކަން ތަންފީޒު ކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ ރައީސްގެ ޕޯލްގައި ސުވާލު ކުރައްވާފައިވެ އެވެ. އެ ޕޯލްގައި އެމަނިކުފާނު ވަނީ ތިން އުމުރުފުރައެއް ފާހަގަ ކުރައްވާފަ އެވެ. އެއީ ޖަނަވަރީ 1، 2007 ގެ ފަހުން އުފަންވި މީހުންނާއި ޖަނަވަރީ 1، 2004 ގެ ފަހުން އުފަންވި މީހުންނާއި ޖަނަވަރީ 1، 2000 ގެ ފަހުން އުފަންވި މީހުންގެ އުމުރުފުރާ އެވެ.
އެ ޕޯލަށް 5,500 ވުރެ ގިނަ މީހުން ވޯޓް ދީފައިވެ އެވެ. އެންމެ ގިނަ މީހުން ވޯޓް ދިނީ ޖަނަވަރީ 1، 2000 ގެ ފަހުން އުފަންވި މީހުންގެ އުމުރުފުރާ އިން ފެށިގެން ދުންފަތް މަނާ ކުރުމަށެވެ. އެ ގޮތަށް 51.1 ޕަސެންޓް މީހުން ވޯޓް ދީފައިވެ އެވެ.
ޖަނަވަރީ 1، 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް ފެންނަ ކަަމަށް 40.8 ޕަސެންޓް މީހުން ވޯޓް ދީފައިވެ އެވެ. ޖަނަވަރީ 1، 2004 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް ފެންނަ ކަަމަށް ވޯޓް ދިނީ 8.2 ޕަސެންޓް މީހުންނެވެ.
ޓުވިޓާގެ އިތުރަށް ފޭސްބުކުގައި ކުރިއަށްގެންދެވި ޕޯލުގައި 23 އިންސައްތަ މީހުން ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް ވިއްކުން މަނާކުރަން ތާއީދުކުރިއިރު، 4 އިންސައްތަ މީހުން ތާއީދުކުރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް ވިއްކުން މަނާކުރުމަށެވެ. އަދި 72 އިންސައްތަ މީހުން 2000 ވަނަ އަހަރުގެ ފަހުން އުފަންވި މީހުން ދުންފަތް ބޭނުންކުރުން މަނާކުރަން ތާއީދުކުރިއެވެ.
އިންސްޓަގްރާމްގައި ނެގި ޕޯލުގައި 43 އިންސައްތަ މީހުން ތާއީދުކުރީ 2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެންނަށް ދުންފަތް މަނާކުރުމަށެވެ. ސާޅީސް ފަސް އިންސައްތަ މީހުން ތާއީދުކުރީ 2000 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރުމަށެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން އުފަންވި މީހުންނަށް އެކަނި ދުންފަތް މަނާކުރަން ތާއީދުކުރީ 13 އިންސައްތަ މީހުންނެވެ.
ދުންފަތުން ދިވެހި މުޖްތަމަޢު ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ފުރަތަމަ ކަމަކަށް ސަރުކާރުން ވަނީ ވޭޕް މަނާ ކޮށްފަ އެވެ.
އޭގެ ފަހުން ދުންފަތް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މި މަސަތްކަތް ކުރަނީ ހަގީގަތުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމުގައެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ގައުމުގެ ޅަދަރިން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަގަނޅު އާދައަކަށް ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަގީގަތުގައިވެސް މިއުޅެނީ މިމައްސަލަ ހައްލުކުރަން އިނގޭތޯ، އަޅުގަނޑުމެންގެ ޅަދަރިން، ތުއްތުކުދިން، ޚާއްސަކޮށް މި ނުރަންގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރުން އޮންނަންވި ސަބަބެއް އަޅުގަނޑަށް ނުވިސްނޭ. ސަރުކާރުގެ ޒިންމާތަކެއް އެބަ އޮތޭ އަޅުގަނޑު ގަބޫލުކުރަނީ. ސަރުކާރުން ޒިންމާ އަދާ ކުރަން ޖެހޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން 18 އަހަރު ފުރިގެން ނޫނީ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވިއްޖެ ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެދާއިރާ ދޫކޮށް އެކަމުން ދުރުހެލިވާން އެމަނިކުފާނު ގޮވައިލެއްވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ހުށަހަޅާ ތިން ގޮތް ދިރާސާކޮށް، އެކަމާ ގުޅޭ ގޮތުން ރާއްޖޭގެ މާހިރުންގެ ލަފައާއި އިރުޝާދު ހޯއްދެވުމަށްފަހު އެކަމާ ގުޅޭ ގާނޫނު ލަސްނުކުރައްވައި އެކަަށައަޅުއްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.