ENGLISH
17 އޭޕްރީލު 2025
އައްޑޫ ލިންކް ރޯޑުގެ މަގުތަކާއި ފެން ހިންދާ ނިޒާމު ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި
08 އޭޕްރީލު 2025
|
އައްޑޫގެ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފެން ހިންދާ ނިޒާމު އަދާހަމަކޮށް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 829.7 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް 1440 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މި މަޝްރޫއުގެ ދަށުން ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފަައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެއެވެ. އަދި ސ.ފޭދުގައި ފެން ހިންދުމުގެ ނިޒާމުވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.
ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއެކު، ސީޓީބީ މަގުތަކުގައި ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދާނެއެވެ. އަދި މަގުތަކުގައި ދުވާރުތައް ތަރައްގީކޮށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެއެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެވަޑައިގަންނެވިއެވެ.