ENGLISH
08 އޭޕްރީލު 2025
ރާއްޖެ އިސްތިހާރު ކުރުމުގެ އާ ބާބެއް، އައި ފީލް މޯލްޑިވްސް ލޯންޗުކޮށްފި
07 އޭޕްރީލު 2025
|
އައި ފީލް މޯލްޑިވްސް ލޯންޗުކުރުން
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ ވަރުގަދަ ތަސައްވުރާ އެކު "އައި ފީލް މޯލްޑިވްސް" ކެމްޕެއިން ރަސްމީކޮށް އިފްތިތާޙު ކޮށްފި އެވެ.
އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި މީޑިއާގެ މަންދޫބުން ހިމެނޭހެން 50 ވުރެ ގިނަ ބައިވެރިންނާ އެކު މިއަދު އޮތް ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާޙު ކުރުމާއެކު ދިވެހި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އާ ބާބެއްގެ ފެށުނީ އެވެ.
މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުުރުން އެހެން ހަރުފަތަކަށް ގެންދިއުމާއި އެ މަސައްކަތުގައި އޮތް ފަރަގު ކުޑަކުރުމުގެ އިތުރުން ހަމަހަމަ ކަމާއެކު އެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. އެ ކެމްޕެއިންގެ ވިޝަން އާއި މައިގަނޑު ބޭނުން މިއަދު އޮތް ރަސްމިއްޔާތު ގައި ވަނީ ސާފުކޮށްދީފަ އެވެ.
އަދި ފީލް މޯލްޑިވްސްގެ ބައިނަލްއަޤްވާމީ މުހިންމު ދެ ޕާޓްނަރުން ކަމަށްވާ ގަތަރު ޓްރެވަލް މާޓް (ކިއުޓީއެމް) އާއި އިންޓަނޭޝަނަލް ވެލްނެސް ޓޫރިޒަމް އެކްސްޕޯ ޖަޕާން (އައިޑަބްލިއުޓީ) އިން ވަނީ އެ ފަރާތްތަކުގެ އިވެންޓްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ބައިވެރީންނަށް ހިއްސާ ކޮށްފަ އެވެ. މި ދެ ޕްލެޓްފޯމް ގައި ވެސް އައި ފީލް މޯލްޑިވްސް ކެމްޕެއިން ހަރަކާތަށް ޚާއްސަ ޕެވިލިއަނެއް ހުންނާނެ ކަން ފާހަގަކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ކަން އިޢުލާނު ކޮށްފައިވެ އެވެ.
މީގެ އިތުރުން 2025–2026 ވަނަ އަހަރުގެ އައި ފީލް މޯލްޑިވްސް އިން ބައިވެރިވާނެ ގްލޯބަލް އިވެންޓްތަކާއި ސްޓްރެޓެޖިކް ފުރުސަތުތަކުގެ މައުލޫމާތު ދީފައިވެ އެވެ. އެ ގޮތުން ރޫޓްސް ވޯލްޑް އާއި އައިޓީބީ ޗައިނާ އާއި އޭޓީއެމް ދުބާއީ އާއި އެމްއައިޓީޓީ ރަޝިޔާ އާއި ބިޓް އިޓަލީ ފަދަ ބޮޑެތި ބީޓޫބީ ފެއާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އަދި ޑެސްޓިނޭޝަން މާކެޓިންގައި ބައިވެރިވުމަށް އޮތް ފުރުސަތުތަކާއި ގުޅޭ ރޯޑްމެޕެއް ވަނީ ހުށައަޅާފަ އެވެ. މީގެ އިތުރުން ހައި އިމްޕެކްޓް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް ކަމަށްވާ "ބީޓީއާރު ރިޔާޒް ވިންޓާ އެޑިޝަން" ގެ ޕްރިވިއު ވީޑިއޯއެއް ވެސް ބައިވެރިންނަށް ދައްކާލާފައިވެ އެވެ.
އަދި ބައިވެރީންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވެސް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފީލް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ކޯ ފައުންޑަރ މުޙައްމަދު ބައްސާމް އާދަމް ވަނީ އެ ހަރަކާތުގެ މައިގަނޑު ވިސްނުންތަކާއި އިންޑަސްޓްރީ އިޝްތިހާރު ކުރުމުގައި އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.
ބައްސާމް ވަނީ އައި ފީލް މޯލްޑިވްސްގެ ޕާޓްނަޝިޕް އަދި މެމްބަޝިޕްގެ ފުރުސަތުތައް މިހާރު ރަސްމީކޮށް ހުޅުވާލާފައިވާ ކަން އިޢުލާނު ކުރައްވާފަ އެެވެ. މިއީ މި ކެމްޕެއިންގެ ފެށުން ކަމުގައިވާތީ އެއްވެސް ފީއެއް ނެތި ހުރިހާ ފަރާތްތަކަށް ވެސް މެންބާޝިޕް ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.
"އައި ފީލް މޯލްޑިވްސް އަކީ ހަމައެކަނި ކެމްޕޭނެއް ނޫން. އެއީ އެއްބާރުލުން ދޭ ހަރަކާތެއް. އަޅުގަނޑުމެންގެ މި ހަރަކާތުގައި ބައިވެރިވުމަށް މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ދަޢުވަތު އަރުވަން. މިއީ ތިޔަ ބޭފުޅުންގެ ޚިޔާލުތައް ހިއްސާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް މި މަަސައްކަތަށް މާނަހުރި ބަދަލެއް ގެނައުމުގެ ބައެއްގެ ގޮތުގައި ތިބުމަށް ދެވޭ ދަޢުވަތެއް،" މިއަދުގެ ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވި އެވެ.
އައި ފީލް މޯލްޑިވްސް ލޯންޗުކޮށްފައިވާއިރު އެ ކެމްޕެއިންގެ ތެރެއިން ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. އަދި އެ ހަރަކާތަށް ޚާއްސަކޮށް ވަރަށް އަވަހަށް ވެބްސައިޓެއް ލޯންޗު ކުރާނެ އެވެ. މިއީ ވަރަށް ތަފާތު ވެބްސައިޓަކަށް ވާނެ އެވެ.