ENGLISH

14 އޭޕްރީލު 2025

Advertisement

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާގެ ރެކޯޑްތައް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމެއް ހަމަޖައްސަނީ

07 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް-- ފައިލް ފޮޓޯ/ ހެލްތު މިނިސްޓްރީ

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތައް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވަނީ މިއަހަރުގެ ޞިއްހަތުގެ ދުވަހުގެ ޝިއާރަށް އަލި އަޅުވާލައިފައެވެ. މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާ އާއި ޚިދުމަތްތަކުގެ ރެކޯޑްތައް ބަލަހައްޓައި، އެ މަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުން ދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ސަރުކާރުން ވަނީ ފައްޓަވައިފައެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތާއެކު ސަރުކާރުގެ އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ.

މިއަހަރުގެ ޝިޢާރަކީ "ހެލްތީ ބިގިނިންގސް، ހޯޕްފުލް ފިއުޗަރ" އެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފާވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް މި ޚިދުމަތް ދިނުން ކަމަށާއި ސާރުކާރުން ޚާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާން ޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ،" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރުން ބާރު އަޅަނީ ކުއްޖަކު ދުޅަހެޔޮކަންމަތީ އުފަންވެ، ޞިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށެވެ. މިނިސްޓަރ ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު