ENGLISH
07 އޭޕްރީލު 2025
ގަން އެއާޕޯޓު މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިދެއްވުމަށް ވަޒީރު މުއްޠަލިބު އެދިވަޑައިގެންފި
07 އޭޕްރީލު 2025
|
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު-- ފައިލް ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްކުރުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު އެދިވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށެވެ.
މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެހެން ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮންޕެނީއަށް ވަނީ އެބިން ކޮންޓްރެކްޓަރާ ހަވާލު ނުކުރެވިފައެވެ. މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.