ENGLISH

07 އޭޕްރީލު 2025

Advertisement

މަސައްކަތް ހުއްޓިފައި ހުރި 18 ސްކޫލެއް ނިންމަން ހަވާލުކޮށްފި

07 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ސްކޫލްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ވަގުތު

މިދިޔަ ވެރިކަމުގައި ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ތައުލީމާ ގުޅުންހުރި 18 މަޝްރޫއެއްގެ މަސައްކަތް ނިންމުމަށް ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. 

ތައުލީމީ ވުޒާރާއިން ބުނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިތުރުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވަނީ ނުނިމި ހުރި 18 ސްކޫލެއްގެ މަސައްކަތް ކަމަށެވެ. 

އެ މަސައްކަތްތައް ކުރުމަށް މިއަދު ވަނީ ކުންފުނިތަކާ އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދު އޮތް ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހު އެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ.

ސްކޫލުތަކުގެ މަސައްކަތްތައް ނިންމަން ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، ލ. މާވަށް، އއ. މާޅޮސް، އދ. ފެންފުށި އަދި މ. ވޭވަށެވެ. 

ތައުލީމީ ވުޒާރާއިން ބުނީ އެ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް 114.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. 

ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތައުލީމީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތަކުގެ 280 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށެވެ. އެ ސަބަބާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު