ENGLISH
07 އޭޕްރީލު 2025
ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކުރުމަށް އޭއައި އެޑިއުކޭޝަން ސިސްޓަމެއް މިއަހަރު ތެރޭގައި ތައާރަފްކުރެވޭނެ: ތަޢުލީމީ ވަޒީރު
07 އޭޕްރީލު 2025
|
ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އެސްމްބްލީގައި. --ފޮޓޯ: އެމްއެމްޓީވީ
ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކުރުމަށް އޭއައި އެޑިއުކޭޝަން ސިސްޓަމްގެ މޮޑިއުލްތައް މި އަހަރު ތެރޭގައި ތަޢާރަފްކޮށް ރޯލް ކުރެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. ޢިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން ދެއްވި ޚިތާބުގައި ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ޒަމާނަށް އަންނަ ބަދަލުތަކާއެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރީޢާޔަތްކޮށްގެން އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް. ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިޔުމަށް އިލްތިމާސްކުރަން. " - ވަޒީރު އިސްމާޢީލް ޝަފީއު
ވަޒީރު އިތުރަށް ވިދާޅުވީ ތަޢުލީމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކުގެ މުޤައްރަރުތައް އަލުން މުރާޖަޢާކޮށް، ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުމަށް މި އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމަށާއި ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތަޢުލީމީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންތަކެއް..ފޮޓޯ: އެމްއެމްޓީވީ
އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރި ނެތް ގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ) މިއަހަރު ވެސް ކުރިއަށްގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މީގެކުރިން މި އެސެސްމަންޓް ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި ނެގި ނަމަވެސް މި ދިރާސީ އަހަރުގައި ކީސްޓޭޖް-3ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް މި އެސެސްމެންޓް ދޭންފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަމިއާއެކު، މުޅިން އަލަށް ރާއްޖޭގެ ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަޤުވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
"އެކިއެކި މާއްދާތައް ކިޔަވައިދެއްވާ މުދައްރިސުންނަށާއި މިޑްލް މެނޭޖްމަންޓުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ފަންނީ ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދެވުނު. މިފެށި ދިރާސީ އަހަރުވެސް މިފަދަ މުހިންމު ފަންނީ ތަރައްޤީގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ." - ވަޒީރު އިސްމާޢީލް ޝަފީއު
ނިމިދިޔަ ދިރާސީ އަހަރު އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެންދިޔުމަކީ ގައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މި ޕްރޮގްރާމް އިތުރު ލާރނިންގ ޕާތުވޭސްތަކާއެކު މިއަހަރު ފުޅާކުރެވިގެންދާނެކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް، ވަޒީރު ވިދާޅުވީ "ކޫލް ސްކޫލް" ޕްރޮގްރާމްގެ ތެރެއިން، ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.
ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، މަތިވެރި އަޒުމަކާއި އާ ހިތްވަރަކާއެކު އުނގެނުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ނުވަދިހަހާހެއްހާ ދަރިވަރުން މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާނެއެވެ. ދަރިވަރުންގެ ޚިދުމަތުގައި ގާތްގަޑަކަށް 11،000 މުދައްރިސުން ސްކޫލުތަކުގައި އުނގަންނައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.