ENGLISH
07 އޭޕްރީލު 2025
ރާއްޖޭގައި ލޮނު އުފައްދަނީ، ސަރުކާރުން ހިތްވަރުދީ އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން
07 އޭޕްރީލު 2025
|
ރާއްޖޭގައި ލޮނު އުފައްދަން ވަނީ ފަށާފައި -- ފޮޓޯ: ދިއްދޫ ކައުންސިލް
ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަަކަކީ ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިއްވަރުދީ އަދި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދެއްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓްރީއެއް ވަނީ ޤާއިމުކޮށްފަ އެވެ. ޖަޕާނުގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން އެ މަސައްކަތް ފެށީ ހއ. ދިއްދޫގަ އެވެ.
އެ ފެކްޓްރީ އިއްޔެ ވަނީ ހުޅުވައިފަ އެވެ. އަދި ލޮނު އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް މިހާރު ވަނީ ފަށައިފަ އެވެ.
އެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ ކަންކަން ކުރިއަށްދާނީ ފެށުމުން ކަަމަށެވެ. އެކަމަށް މަރުޙަބާ ދަންނަވާ ކާމިޔާބަށް ވެސް އެދިވަޑައިގަތެވެ.
އަދި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ އަދި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮއްދޭނެ ކަމަށެވެ.
ލޮނު އުފައްދާ ކުންފުނިން ބުނި ގޮތުގައި އެ މަސައްކަތް ފެށީ ޖަޕާނުގައި އެކަމާ ގުޅޭ ޚާއްސަ ތަޙުލީލުތައް ނިންމުމަށް ފަހު އެވެ. އަދި ދިވެހި ކަނޑުގެ ލޮނަކީ ސިއްޙަތަށް ފައިދާ ހުރި މާއްދާތައް މަތީ މިންވަރަކަށް ހިމެނޭ ކޮލެޓީ ލޮނު ކަމަށެވެ.