ENGLISH
13 އޭޕްރީލު 2025
ޗައިނާގެ ސީއެސްއޭ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި
07 އޭޕްރީލު 2025
|
ޗައިނާގައި މީގެކުރިން ބޭއްވި ސީއެސްއޭ އެކްސްޕޯގެ ތެރެއިން. މިއަހަރުގެ ފުރުސަތު ދިވެހިންނަށް މިހާރު ވަނީ ހުޅުވާލާފަ.
މި އަހަރުގެ ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބާއްވާ ނުވަ ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޮޒިޝަން (ސީއެސްއޭ އެކްސްޕޯ) ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުސަތާއި، އުފެއްދުންތައް ގަތުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވިފައިވާކަން ޗައިނާ ސަރުކާރުން އަންގަވާފައި ވާކަމަށެވެ. އަދި ރާއްޖޭން އެ އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ވިޔަފާރިތަކާއި އަދި އާއްމު ފަރާތްތަކުން ބައިވެރިވާ މަގުބޫލުކަން ބޮޑު އެކްސްޕޯއެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިސްތިހާރުކޮށް މާކެޓް ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އޭޕްރީލް 14 ވަނަ ދުވަހުގެ ކުރިން international@trade.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ ހުށަހެޅުންތަކަށް ބަލައި، އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދެއްވާނެ ކަމަށެވެ.