ENGLISH
12 ޖުލައި 2025
އޮޅުވާނުލާ، މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ: ޕީއެންސީ މެމްބަރުން
07 އޭޕްރީލު 2025
|
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)
މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ އިދިކޮޅުން ވާހަކަ ދައްކަމުން ދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ މަގްސަދުގައި ކަމަށާއި، އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށް ރައްޔިތުންގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން މިފަދައިން ވިދާޅުވީ ގާނޫނުއަސާސީއާއި، ކަމާގުޅޭ ޤާނޫނުތަކާއި، އަދި މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާއި ޚިލާފަށް ސަރުކާރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރަމުންގެންދާ ކަންކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.
މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ތުހުމަތު ކުރަމުންދަނީ، ހުޅުމާލޭން ބިމެއް ގަތުމަށް މަރުކަޒީ ބޭންކުން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން، އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަަމަށް ބުނެ އެވެ. މިކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
އެ ގަރާރަށް ބަހުސްކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ވާހަކަ ފެއްޓެވީ އެ ގަރާރުގައި ހިމެނެނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވަމުންނެވެ.
"އެއީ ރައްޔިތުންގެ ތެރޭގައި ވަރަށް އޮޅުންއަރާފައި އޮތް ކަމެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަދި މަޖިލީހުގެ މެމްބަރުންނަށް އަދި ގަރާރު ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރަށް ޔަގީންކަން މިދެނީ ދިވެހިރާއްޖޭގެ ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެކަން. އަދި އެކަމުގެ ވިސްނުންވެސް ހިޔާލެއް ވެސް ނެތް." މެމްބަރު ވިދާޅުވި އެވެ.
މިހެން ވިދާޅުވަމުން މެމްބަރު ފާހަގަކުރެއްވީ 2018 ގައި އައި އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރި ގޮތުގެ މިސާލުތަކެވެ. މެމްބަރު ވިދާޅުވި ގޮތަށް، ފައިސާ ޗާޕު ކުރުން ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އޯވާޑްރޯ ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު ތިން ފަހަރެއްގެ މަތިން މިިދިޔަ ސަރުކާރުން ދަންމާލި އެވެ.
ފައިސާ ޗާޕުކުރުމަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެންމެ ފުރަތަމަ ސަސްޕެންޑުކުރީ 2020 ވަނަ އަހަރެވެ. އޭގެފަހުން އަނެއްކާވެސް 2021 އަދި 2022 ގައި އެ މުއްދަތު އަހަރު ދުވަހަށް އިތުރުކުރި އެވެ. 2020 އާއި 2021 ވަނަ އަހަރު ޗާޕުކުރި ފައިސާ 50 އަހަރު ތެރޭގައި އަނބުރާ ދައްކާ ބޮންޑަކަށް އެ ސަރުކާރުން ބަދަލުކުރި އެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، ދިވެހި ރުފިޔާގެ އަގު ވެއްޓި، ރާއްޖޭގައި އިންފްލޭޝަން މަތިވެގެންދިއުމެވެ.
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީގެ ވާހަކަފުޅުވެސް ފެއްޓެވީ އިދިކޮޅުގެ ގަރާރުގައި ހިމެނެނީ ދޮގު މައުލޫމާތު ކަމަށް ވިދާޅުވަމުންނެވެ. މެމްބަރު ވިދާޅުވީ، އިދިކޮޅުން އެފަދަ ގަރާރެއް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވުމުން، އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް ބިނާކުރައްވައި މެމްބަރު ޔަގީންކަމާ އެކު ވިދާޅުވީ، މިނިސްޓަރގެ ފަރާތުން އެފަދަ އެއްވެސް ސިޓީއެއް ނުވަތަ ހުށަހެޅުއްވުމެއް ވެސް ހުށަހަޅުއްވާފައިނުވާ ކަމަށެވެ.
"ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާއި އަޅުގަނޑު ޕާސަނަލީ ބައްދަލުކުރިން މިކަމުގައި، މަނިކުފާނު މި ގަރާރު ވައްދަން އުޅޭތީ. އެމަނިކުފާނުގެ ސިޓީއެއް ނޯންނާނެ އެމްއެމްއޭއަށް ގޮއްސަ އަދި އެ ސިޓީއެއް ޑްރާފްޓެއް ވެސް ނުވޭ. އެމަނިކުފާނު ނުވެސް ފޮނުވާ، ނުވެސް ކުރޭ އެކަމެއް،" މެމްބަރު ވިދާޅުވި އެވެ.
ޕީއެންސީގެ އެހެން މެމްބަރުން ވެސް ވިދާޅުވި ގޮތަށް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ފާހަގަކުރެއްވީ އިދިކޮޅުން މިފަދަ ގަރާރެއް ހުށަހެޅި ހަގީގީ މަގްސަދެވެ. މެމްބަރު ގަބޫލުކުރައްވާ ގޮތުގައި ޝަމްހީދު އެ ގަރާރު ހުށަހެޅުއްވީ ސިޔާސީ މަގްސަދެއް ހާސިލުކުރެއްވުމަށެވެ.
"އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް މި ޕްރައިމަރީގައި ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީޑިއާއަށް އިއުލާނުކުރައްވާފަ... އެހެންނަމަވެސް ދިވެހި ރައްޔިތުންނާއި ގައުމަށް އަދި ޚާއްސަކޮށް އެމްޑީޕީގެ ރައްޔިތުންނަށް ވަފާތެރި އެބޭފުޅުންގެ ލޯތްބާއި އިހުތިރާމް ހޯދުމަށް މަސައްކަތް ކުރައްވައި ކެންޑިޑޭޓެއްގެ ގޮތުން ވާހަކަދައްކަވާނަމަ، އަޅުގަނޑު ދަންނަވާނީ އެބޭފުޅާ މިއަދު ހުށަަހަޅުއްވާނީ މި ގަގާރެއް ނޫނޭ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި މިއަދު ބަހުސްކުރެވުނު ގަރާރުގެ ބަދަލުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެރިކަން ކުރި ގޮތާ ގުޅޭ ގަރާރުތަކެއް މަޖިލީހަށް ހުށަހެޅުން ވެސް މާ ރަނގަޅުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ދަރަނިތައް އެހާ ބޮޑު ކަމަށާއި އޭރު ގިނަ މާލީ ގޮންޖެހުންތައް ވެސް ހުރިކަން މެމްބަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެ ގޮޮންޖެހުންތަކުން އަރައިގަނެ، ސަރުކާރަށް "ހަމަނޭވާ ލެވުނީ" އަދި ކިރިޔާ ކަމަށް މެމްބަރު ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ އިދިކޮޅުން މިފަދަ ބޮޑެތި އޮޅުވާލުންތަކެއް ހުރި ގަރާރެއް ހުށަހެޅީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކާއި އެއްގޮތަށް މަޝްރޫއުތައް ފަށައި، ސަރުކާރަށް ހަމަޖެހިލެވުނު ދަނޑިވަޅުގައި ކަމަށެވެ.
މެމްބަރު ޝާހިދު ވިދާޅުވި ގޮތަށް، ޑރ. އަހުމަދު ޝަމްހީދު ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމި ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޑރ. ޝަމްހީދު ވަނީ ރިޔާސީ ޓިކެޓު ހޯދުމަށްޓަކައި އަޅުއްވަން ނިންމެވި ފިޔަވަޅަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.