ENGLISH
10 އޭޕްރީލު 2025
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
07 އޭޕްރީލު 2025
|
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ޖޭއެސްސީއަށް އައްޔަނުކުރެއްވުން (ފޮޓޯ/ ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދު، އައްޔަނުކުރައްވައިފި އެވެ.
ޖޭއެސްްސީއަށް ފަނޑިޔާރު ޝަހީދު އައްޔަނުކުުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝަހީދު ވަނީ، އެ ކޮމިޝަންގެ މެމްބަރުކަމުގެ ހުވައި ރައިސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްްވައިފަ އެވެ. އެއާއެކު ރައީސް ވަނީ ފަނޑިޔާރަށް ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
ފަނޑިޔާރު ޝަހީދު އެ ކޮމިޝަންގައި ހުންނަވާނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި ދެން ހުންނަވާ ފަނޑިޔާރުގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރުމަށް އެ ކޯޓުން ނިންމީ މިދިޔަ މާޗް މަހުގެ 26 ގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނުކުރެއްވީ، ކުރިން އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއްސުއޫދު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރެއްވީ ވެސް ހުސްނުއްސުއޫދެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ޖުލައިގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު އެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އޭނާ އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ފަނޑިޔާރަކަށް އައްޔަނުކުރެއްވުމުގެ ކުރިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.
ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.