ENGLISH
12 ޖުލައި 2025
ޕްރައިމަރީ އަދި ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ: ރައީސް
07 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގއ. ކަނޑުހުޅުދޫ ޞިއްޙީ މަރުކަޒަށް ކުރެއްވި ޒިޔާރަތް-- ފައިލްފޮޓޯ/ ރައީސް އޮފީސް
ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖް, އަދި ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ހިއްސާ ކުރެއްވި މެސެޖުގައެވެ.
މި މެސެޖުގައި، ސަރުކާރުން މައިންނާއި ކުޑަކުދިންގެ ޞިއްޙަތު ރަނގަޅުކުރުމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، މިއަހަރުގެ ތީމް "ހެލްތީ ބިގިނިންސް، ހޯޕްފުލް ފިއުޗަރޒް" ކަށަވަރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި، ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމުގައި ވިދާޅުވިއެވެ. އަދި، އޭގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ގެއްލުންވާ ޢަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ. އަދި، ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.
ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމާއި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ކޮންމެ މަޔަކީ، ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޚިދުމަތްތެރީންގެ ޚިދުމަތްލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ޚިދުމަތްތައް ދިނުމުގައި ހެލްްތު ކެއަރ ވޯކަރުން އަދާކޮށްފައިވާ ދައުރަށް އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވައިފައެވެ.